މިއަދު ސަރުކާރުގެ ތެރެއިން ކުރަމުންދާ ވައްކަންތަކަކީ ބައި އަޅައިގެން ކުރާ ވައްކަންތަކެއް ކަމަށް ކުރީގެ ހޯމު މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިންނާ އަދިވެސް އެކި އެކި މުއައްސަސާތަކުގެ ތެރެއިން މި ސަރުކާރުގައި ވައްކަން ކުރާކަމުގެ އަޑުތައް ގަދަވެފައިވާއިރު އެއީ ތިން ބަޔަކަށް ބައި އެޅިގެން ކުރާ ކަންކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވައްކަން ކުރުމުގެ ބޭނުމުގައި ހިންގާ ތަންތަން ކަމަށާއި، އެ ތަންތަނުގެ ވެރިން ރައީސުލްޖުމްހޫރިއްޔާއަށާއި ސިޔާސީ ޕާޓީއަށް ބައި އަޅަމުންދާ ކަމަށެވެ. އމަރު ވިދާޅުވީ ކުންފުނިތަކަށް ވެރިން އައްޔަންކުރުމުގައި މި ސަރުކާރުން ބަލަނީ ގާބިލުކަމާ ހިންގުންތެރިކަމަށް ނޫން ކަމަށާ ސަރުކާރުގެ ކުންފުނިތަކަށް ވެރިން އައްޔަނުކުރަނީ އެ ތަނެއް ހިންގަމުން "ބައި އަޅާނެ" މީހެއްކަން ބަލައިގެން ކަމަށެވެ. އަދި މިފަދަ ވައްކަންތައް ހިންގަނީ ހަމައެކަނި އަމިއްލަ މީހާގެ ފައިދާއަށް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުންފުނިތަކުގެ ތެރޭގައި ހިންގާ ހުރިހާ ކޮރަޕްޝަނަކީ ރައީސް އަށް އެނގިވަޑައިގެން، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ދުރާލާ ރާވައިގެން ހިންގާ ކަންކަން ކަމަށްވެސް ތުހުމަތު ކުރަށްވާފައެވެ. އޭނާ ވިދާޅުވީ، ރައީސަށް ނުވަތަ ޕާޓީއަށް އަޅަންޖެހޭ ބައި ނާޅައިފިނަމަ ނުވަތަ އެކަމެއް ފަޅާއަރައިފިނަމަ، އެ މީހަކު ޖަލަށްލާނެ ކަމަށާއި، ނޫންނަމަ އެ މީހަކު ހުރި ކުންފުނީގެ މަގާމު ބަދަލުކުރާނެ ކަމަށެވެ.
ހިންގާ ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެން، ރައީސުލްޖުމްހުރިއްޔާގެ އިރުޝާދުގެ ދަށުން ހިންގާ ކަންކަން. އަދި، ރައީސުލްޖުމްހޫރިއްޔާއަށް ބައި އެޅިގެން ހިންގާ ކަންކަން. ސިޔާސީ ޕާޓީއަށް ބައި އެޅިގެން. އެ މީހުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބައި އަޅާނެ. ޕާޓީއަށް ވެސް ބައި އަޅާނެ. އަދި އެ މީހުންގެ އަމިއްލަ ނަފުސަށް ވެސް ބައެއް އަޅާނެ
މީގެ އިތުރުން އުމަރު ވަނީ ޕީއެންސީއިން އިމާރާތްކޮށް ހުޅުވި އެ ޕާޓީގެ އޮފީސް އިމާރާތް އެޅުމުގައިވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވާފައެވެ.