theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އުމަރު ނަސީރު / ސޯޝަލް މީޑިއާ
ސިޔާސީ
ސިޔާސީ ޕާޓީތަކުގެ "އަވާމެންދުރުން" ރައްޔިތުން މިނިވަންވެއްޖެ: އުމަރު ނަސީރު
Aiminath Zawjah
އައިމިނަތް ޒަޢުޖާ
17 ޖެނުއަރީ 2026
މާލެ ސިޓީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު މުޅިން ގެއްލި، ޕާޓީތަކުގެ ނިމުން ގާތްވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ މާލޭ މޭޔަރު ކަމަށް އެމްޑީޕީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އެންމެ މަތީ ދެ ލީޑަރުން ނުކުންނަވައި ކެމްޕޭން ކުރެއްވި ނަމަވެސް، 54،000 އަށް ވުރެ ގިނަ މީހުންގެ ވޯޓުލާ އާބާދީއެއް އޮތް މާލެއިން އެ ޕާޓީއަށް ނެރެވުނީ އެންމެ 2,436 މީހުން ކަމަށެވެ. މިއީ މާލޭގެ އާބާދީގެ އެންމެ 4 އިންސައްތަކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ހާލަތުވެސް އޮންނާނީ ހަމަ މިފަދަ ގޮތަކަށް ކަމަށެވެ.

"މީގެ 15 އަހަރު ކުރިން ބޭއްވުނު މިފަދަ އިންތިޚާބުތަކާ އަޅާބަލާއިރު، ސިޔާސީ ޕާޓީތަކުގެ އަވާމެންދުރުން ދިވެހިން މިނިވަންވެއްޖެކަން މިއަދު ޔަގީންވޭ،" އުމަރު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށް ތުހުމަތުކުރައްވަމުން އުމަރު ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ގައުމު ދިޔައީ ފަހަތަށް ކަމަށެވެ. އަދި މިހާރު ޕާޓީތަކުން ރައްޔިތުންނަށް ދައްކާނެ އާ ވާހަކައެއް ނުވަތަ ޖަހާނެ އާ ސުލޯގަންއެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު އިތުރަށް ފާހަގަކޮށްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް "އެއް ސަންދޯކެއްގައި ކަފުންކުރެވިގެންދާނެ" ކަމަށް ވިދާޅުވަމުންނެވެ.

އުމަރު އެފަދައިން ވާހަކަދެއްކެވިއިރު އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ޓިކެޓަށް ދެން ވާދަކުރެއްވީ، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އޭނާ ވަނީ، ޓިކެޓު ކާމިޔާބު ކުރެއްވުމުން އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?