ރައްޔިތުންގެ އިތުބާރު ގެއްލުވާލާ މުޅި ދައުލަތުގެ ނިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުނޑާލައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީގެ ޓިކެޓުގައި މައްޗަން ގޯޅީ އުތުރަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އަލްއުސްތާޛު އައްސަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އައްސަދު މި ފަދައިން ވިދާޅުވީ، ރައީސް ޔާމީން އަލަށް އުފައްވަދާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް) އިން މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުންނެވެ.
ޖަލްސާތައް ކުރިއަށް ދަނީ ސުވާލާ ޖަވާބު އުސޫލުންކަމަށް ވުމުން އޯޑިއަންސްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އައްސަދު ވިދާޅުވީ، މި ސަރުކާރު ރައީސް ޔާމީންގެ ސޭ އަކާ ނުލާ ނުހިންގޭނެ ކަމަށާ ރައީސް ޔާމީންގެ އިރުޝާދު ނެތި ޕީޕީއެމް/ޕީއެންސީގެ އޮޑި ދުއްވަން ފަށައިފި ނަމަ އަރާނީ ފަރަށް ކަމަށެވެ.
އެގޮތުން މިހާރުވެސް އެކަން ނިކަން ރަގަޅަށް ހާމަވަމުންދާ ކަމަށާ ސަރުކާރަށް ދެ މަސްވީއިރު ރައްޔިތުން މާޔޫސްވެ އުއްމީދު ގެއްލިއްޖެ ކަމަށް އައްސަދު ވިދާޅުވިއެވެ.
މުޅި ދައުލަތް މިއަދު ހަލާކުކޮށް ރައްޔިތުން މާޔޫސް ކުރުވާ ހިސާބަށް ދިޔަ ދިއުމަކީ އެ ބޭފުޅުން ޒިންމާ ނަގަން ޖެހޭ ކަމެއް. އަޅުގަޑު ގަބޫލުކުރާ ގޮތުގައި ސީދާ ރައީސް މުއިއްޒު މިކަމުގެ ޒިންމާ ނަގަން ޖެހޭނެ.
އައްސަދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ނިޒާމުތައް ފެއިލްވެފައިވާކަން ރައްޔިތުން މިހާރު ގަބޫލުކުރާ ސަބަބަކީ ދެ މަސް ދުވަސް ވެގެން ދިޔައިރު އެ މުއްދަތުގައި ފުއްދާ ދޭނެކަމަށް ވީ ވައުދުތައް ފުނި ޖެހިފައި ހުރި ހުރުން ކަމަށެވެ.
އައްސަދު ވިދާޅުވީ މި ވެރިކަމަކީ ރައްޔިތުން ރައީސް ޔާމީންއަށް ދިން ވެރިކަމެއް ކަމަށާ އެހެންކަމުން ރައީސް ޔާމީން މިނިވަންނުކޮށް ގައުމުގެ ކަންކަން ހަމަ މަގަށް ނޭޅުވޭނެ ކަމަށެވެ.