April 14, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

10 މިލިއަން ޚަރަދުކޮށްގެން "އދ" އަށް ދެވުނު އިރު މަސްވެރިންނަށް ފައިސާ ނުދޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 27, 2024, 04:14 AM
މާލެ ސިޓީ

އދ ގެ 79 ވަނަ އާންމު ޖަލްސާގައި އަދި ސަލާމަތީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ބޮޑު ޚަރަދެއް ކުރެވުނު އިރު މަސްވެރިންނަށް ފައިސާ ނުދެވިގެން މިއުޅެނީ ކީއްވެގެންތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އަމާޒުކުރައްވައިފި އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އދ އަށް ރައީސަކު ކުރައްވާ ދަތުރުފުޅަކީ ވަރަށް އަގުބޮޑު ދަތުރުފުޅެއްކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު އދ އަށް ކުރެއްވި ދަތުރުފުޅަށް 10 ވަރަކަށް މިލިއަން މިހާރުވެސް ޚަރަދުވެފައިވާކަމަށް ރައީސް ޔާމީން ވަނީ ލަފާކުރައްވާފައެވެ.

އޭގެއިތުރުން ދާންދޫގައި މަސްވެރިންނަށް ބޭނި މަހުގެ އަގު ނުދޭތީ ފިޝަރީޒް މިނިސްޓްރީގެ ވަފްދު އެ ރަށަށް އެރިޔަ ނުދީ މުޒާރާ ކުރި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ވެރިންނަށް މުހިންމުވީ އދ އަށް ބޮޑު ޚަރަދުކޮށްގެން ދިޔުންކަމަށެވެ.

މަސްވެރިންނަށް އެމީހުން ބޭނި މަހުގެ އަގު ނުދީ އުޅޭތީ މިހާރު ބަޔަކު ފަހާލައިގެން މިއުޅެނީ. ދެން ކިހިނެއް މީތި ދެކޮޅު ޖެއްސެނީ؟

ރައީސް ޔާމީން ވިދާޅުވިއެވެ.

އދގެ އާންމު އަދި ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ހާލަތު ބިނާވެފައިވާ ގޮތް ބަޔާންކޮށްދެއްވަމުންދާއިރު ސަރުކާރުގެ ވެރިންނަށް ރާއްޖޭގެ ހާލަތެއް ހަގީގަތުގައި ނޭނގޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސްފަޑީގައި ތިބީ މަސްވެރިކަމުގެ ސިނާއަތާ ގުޅިފައިވާ ފަރާތްތަކަށް ވާއިރު އެމީހުންނަށް މަސްވެރިންގެ ހާލު ދެނެނުގަނެވެންޏާ އެއީ ވަރަށް ދެރަކަމެއްކަމަށެވެ.

މަސްވެރިކަމަކީ އެހާމެ މުހިންމު ސިނާއަތަކަށްވާއިރު ސަރުކާރުގެ ނަމްބަރު 1،2 އަދި 3 ވަނަ އެޖެންޑާގައި ލައްްވާނުލައިގެން މިއުޅެނީ ކޮން ސަބަބަކާހުރެތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލެއްވެސް ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ މަސްވެރިންނާ ދޭތެރޭ ސަރުކާރުން އިހާނަތިކޮށް ކަންތައްކުރަމުންދާތީ އެވާހަކަ ފާހަގަކުރައްވާ ނުރުހުންފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved