ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރުމުގެ ކަންކަން މަޖިލީހަށް ހުށަހަޅާނީ ދަނޑިވަޅު ބަލާ، އެންމެ ރަގަޅު ވަގުުތުގައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ(އެމްޑީޕީ)އިން ހާމަކޮށްފިއެވެ.
އެމްޑީޕީއިން މިފަދައިން ހާމަކޮށްފައިވަނީ، މަޖިލީހުގެ ތެރޭގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީއާ އަދި އެމްޑީޕީއާ މިހާރު އުފެދިފައިވާ ބައެއް މައްސަލަތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރު ހިންގާ ޕާޓީއިން ވަނީ މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގާ މަޖިލީހުގެ މުދަލަށް ގެއްލުންދީފައެވެ.
އެކަންކަމުގެ ކަންބޮޑުވުންތަކާ އެކު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމުގެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، ރައީސް އަޒުލުކުރުމަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮސް ޕީޖީ ގްރޫޕުން އެކަން ފާސްވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި މަޖިލީހަށް ހުށަހަޅާނެ ތާރީޚެއް ފައިނަލްކޮށްފައިނުވާ ކަމަށް ބިގޭ ވިދާޅުވިއެވެ.
ޕީޖީން އިއްޔެ ފާސްކުރި ނިންމުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ ލީޑަރޝިޕު ލެވެލްގައި ވެސް މަޝްވަރާ ކުރުމަށް ފަހު. އެހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. ވަގުތާއި ހާލަތަށް ބަލާފަ އެހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ
އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މިހާރު މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށާއި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން އިތުރަށް ސުވާލުކުރުމުން އިތުރު ތަފްސީލު ދޭން އޭނާ ވަނީ ދެކޮޅު ހައްދައިފައެވެ.
ރައީސް އަޒުލު ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް އިސްލާހުވަނީ ގެނެސްފައެވެ.
ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލިސް ތެރެއިން އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.