ހުޅުމާލެ ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް 10 މަސް ފާއިތުވެގެން ދިޔަ އިރުވެސް އަދިވެސް އެޗް.ޑީ.ސީ ހިންގަމުންދަނީ ވަކި އިދާރާއެއްގެ ގޮތުގައެވެ.
2024 ޖެނުއަރީ 04 ވަނަ ދުވަހު އެޗްޑީސީގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދިވެސް މިކަމަށް އަމަލީ ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ދަށުން ދެންނެވުނު ތާރީޚުން ފެށިގެން އެއްމަސް ދުވަސް ފަހުން އެޗްޑީސީގެ ހުރިހާ ޚިދުމަތެއް ދޭން ފަށާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ބުނެފައިވާއިރު މިކަމަށް އަމަލީ ގޮތުން އިތުރު އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ.
ހަމަ އެހެންމެ މި އެއްބަސްވުމުގެ ދަށުން އާބަންކޯގައި ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއި، ރަށްވެހިކަމުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ތަރައްޤީ ކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި އެކަމާ ގުޅޭ ވެހިކަލްތަކާއި ޓޫލުސްތަކާއި އަދި އިކުއިޕްމަންޓްސް މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށްވެސް އެއްބަސްވެފައި ވެއެވެ.
އެހެންނަމަވެސް މިފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ކަމަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކަށްވާއިރު، މިކަންވެސް ވެގެން ދަނީ ރައީސްގެ އެހެން ވައުދުތަކެކޭ އެއްގޮތަށް އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއްގެ ގޮތުގައެވެ.