އިގްތިސޯދީ ކަންތަކާ ބެހޭ ވުޒާރާގެ ގާބިލު ކަމާ މެދު ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފައެވެ.
އެމަނިކުފާނު މިފަދައިން ސުވާލެއް އުފައްދަވާފައިވަނީ ކުންފުނިތަކުގެ ގަވާއިދު އެކުލަވާނުލައި އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ ޖެނުއަރީ 1، ގައި އަމަލު ކުރަން ފެށި ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތައް އަދިވެސް އެކުލަވާލައިފައި ނުވާ ކަމަށާ ގަވާއިދު އެކުލަވައިލަންޖެހޭ މުއްދަތު ހަމަވެގެން ދިޔަތާ އެތައް ދުވަހެއް ވީއިރު، ވެސް އެކަން ނުވެ އޮތުމަކީ މިނިސްޓަރީގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ކުންފުނީގެ ޤާނޫނަށް ޢަމަލުކުރާން ފެށީ 1 ޖެނުއަރީ 2024 ގައެވެ. އެ ޤާނޫނުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެކުލަވާލަންޖެހޭ ގަވާއިދު 31 މާރޗް 2024 ގެ ނިޔަލަށް އެކުލަވައިލުން ލާޒިމެވެ. މިއަދާ ހަމައަށްވެސް އެ ގަވާއިދު ހަދާފައެއް ނުވެއެވެ.
— Ahmed Muizzu (@AhmedMuizzu) September 30, 2024
މީގެ އިތުރުން ކުރީގެ ޕީޖީ ވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދު ހެދުމަށް ލިބިފައިވާ މުއްދަތު ކުރުކަމަށް ދެކޭ ނަމަ އެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުން މުހިންމު ކަމަށެވެ. އަދި ކުންފުނީގެ ގަވާއިދާ ނުލައި، އެ ޤާނޫނުގެ ފޮނި މީރުކަން އާންމުންނަށް ނުލިބޭނެކަން ވެސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ.
ކުންފުނީގެ ގަވާއިދާ ނުލައި، އެ ޤާނޫނުގެ ފޮނި މީރުކަން އާންމުންނަށް ނުލިބޭނެއެވެ. މިއީ ކަމާބެހޭ މިނިސްޓްރީގެ ޤާބިލުކަމާމެދު ސުވާލު އުފެދެން މެދުވެރިވާ ސަބަބެކެވެ. ގަވާއިދު ހެދުމަށް ލިބިފައިވާ މުއްދަތު ކުރުކަމަށް ދެކޭނަމަ އެ މުއްދަތު އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅުން މުހިންމެވެ.
— Ahmed Muizzu (@AhmedMuizzu) September 30, 2024
މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު އަމަލު ކުރަމުންދާ ކުންފުނިތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް އެކުލަވައިލައި ހިންގަން ޖެހޭނީ ރަޖިސްޓްރާއެވެ. އެ ގަވާއިދުތައް، ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކުލަވައިލައި އާންމު ކުރަންޖެހޭނެ ކަމަށް ކުންފުނިތަކާ ބެހޭ ގާނޫނުގެ 247 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
މިދިޔަ މާޗު މަހުގެ 31 އަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރި ޝަހުސެއްގެ ގޮތުގައި ކުންފުނި އުފައްދައި ކުންފުނި ރެޖިސްޓަރީ ކުރުމާއި ކުންފުނި ހިންގުމާއި ކުންފުނި އުވައިލުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެކުލަވައިލަން ޖެހެ އެވެ.
މީގެ އިތުރުން ކުންފުނި ރަޖިސްޓަރީ ކުރުމާއި ހިންގުމާއި އުވައިލުމުގައި އާންމު، ފަސޭހަ ފަހި ޝަރުތުތަކާއި އިލްތިޒާމުތައް ކަނޑައެޅުމާއި އިގުތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަ ކަމާއި ޔަގީންކަން ކަށަވަރު ކޮށްދިނުމުގެ ބޭނުމުގައި ކުންފުނިތަކުގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އިތުރުން އާންމު ކުރުމާ ބެހޭ އުސޫލުތައް އެ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހެއެވެ.