ރައީސް ޔާމީން އަބްދުލްޤައްޔޫމް / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީން ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވައިފި
Aishath Naja
އައިޝަތު ނަޖާ
05 އޮކްޓޯބަރު 2024
މާލެ ސިޓީ

ރާއްޖެ އިސްލާމްވިތާ 898 ވަނަ އަހަރު ފުރުމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން އެމަނިކުފާނު ފޮނުއްވި މެެސެޖްގައި ވިދާޅުވެފައި ވަނީ ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަންނަ ނޭދެވޭ އަދި އިސްލާމްދީނާ ހިލާފު ނުފޫޒުތަކާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

މާތްﷲ ރާއްޖެ އަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެ ބޮޑު ނިއުމަތަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ލެހެއްޓެވުންކަން ވެސް ރައީސް ޔާމީންގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފައެވެ.


އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ޒިކުރާ އާ ކުރަމުންދާއިރު މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ފަރުޟުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިހްތިރާމާއި ގަދަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މުހިންމު ޒިންމާއެއް ކަމަށް ދެކި ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް ޔާމީންގެ މެސެޖްގައި އިސްލާމްދީނުގެ މަތިވެރި ނޫރު ރާއްޖެ އަށް ގެނެސްދެއްވުމުގައި މެދުވެރިކުރެއްވި އަބުލްބަރަކާތު ޔޫސުފުލްބަރުބަރީ އާއި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގައި ޚިޔާރުކުރެއްވި އައްސުލްތާން މުހަންމަދު ބުނި އަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންގެ ޒިކުރާ އާ ވަނީ ކުރައްވާފައެވެ.

ރައީސްގެ މެސެޖް ނިންމާލައްވަމުން މާތްﷲ އިސްލާމްދީނުގެ މި މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދިވެހިން އަބަދަށް ލެހެއްޓެވުމަށް އެދި ދުއާކުރައްވައި، އަދި ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved