 
             
        
     
             
                        ނުރައްކާތެރިކޮށް ލޯންޗްތަކެއް ދުއްވާ ވީޑިއޯއެއް މީސްމީޑިޔާގައި މިދިޔަ ހަފްތާ އާންމުވުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ލޯންޗްތައް ދުއްވި ކެޕްޓަނުންތަކުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
އަދި މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ފަރާތްތަކަށް ދާއިމީ ފިޔަވަޅެއް އަޅާނީ މިނިސްޓްރީއިން ކަމުގައެވެ.
ދައުރުވި ވީޑިއޯއިން ފެނިގެންދަނީ "ނަސްރު" ނަމަކަށް ކިޔާ ލޯންޗަކާއި "ރިލެކްސް ގޯލްޑް" ނަމަކަށް ކިޔާ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑްގައި ދުއްވާ މަންޒަރެވެ. މި ދެ ލޯންޗް ފަހަތުން "ރަމްޒު ކުއީން" ނަމަކަށް ކިޔާ ލޯންޗެއް ވެސް ނެރުނު ވަދެގެން އައިތަން އެ ވީޑިއޯއިން ފެނިފައިވެއެވެ.
މީގެ ކުރިންވެސް މި ތިން ލޯންޗް މިގޮތަށް ރޭސް ޖަހާ ވީޑިއޯތައް މީސްމީޑިޔާގައި އާންމުވެފައިވެއެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            