

މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ހިސާބުތަަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު ރީނދޫ ސަމާލު ތިން ވަނަ ފަހަރަަށް އިތުރުކޮށްފިއެވެ.
މެޓް އިން މިއަދު އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރުނީ މެންދުރު ފަހު 15:00 އާ ހަމައަށެވެ.
އޭގެ ފަހުން މިރޭ 19:00އާ ހަމައަށް ސަމާލު ނެރުނު އިރު، އޭގެ ފަހުން ސަމާލު ނެރުނީ މިރޭ 23:00 އާ ހަމައަށެވެ.
ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މޭލާއި 30މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.