

ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭ ތިބޭއިރު، ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރު އެއް ވާހަކައެއް އަބަދުވެސް ތަކުރާރު ކުރަމުންގެންދާކަން ހާމަވެއްޖެ އެވެ.
ޖުލައި 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ. އަދި އެ ލިސްޓް އޮކްޓޯބަރު މަސްތެރޭ އާންމުކުރާނެކަމަށް އެ ދުވަހުވެސް ވިދާޅުވިއެވެ.
މި ހިނގަމުންދަނީ އޮކްޓޯބަރު މަސްކަމުން ފްލެޓްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހައުސިންގ މިނިސްޓްރީން އާންމު ނުކުރުމުން މީޑިޔާއަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ ހަމަ ކުރިންވެސް ވިދާޅުވި ފަދައިންނެވެ. އެގޮތުން ހައުސިންގ މިނިސްޓްރީގެ އަމާޒަކީ މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އްާންމު ކުރުންކަމަށް ހައިދަރު ވިދާޅުވިއެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ މައުލުމާތައް އެހުމުން މިނިސްޓަރ ހައިދަރު ވިދާޅުވީ މަސައްކަތް ކުރިއަށްދިޔަ ސީދާ މިންވަރެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު ވެސް މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ހައުސިންގ މިނިސްޓަރަށްވެ ހުންނަވާ ރައްޔިތުން އެހާ ކަންބޮޑުވާ ކަމެއްގެ ވާނުވާ ވެސް މިނިސްޓަރ ބަލަމުން ނުގެންދާކަން އެމަނިކުފާނުގެ ވާހަކަތަކުން ވަނީ ފާހަގަވެފައެވެ.
އޭގެއިތުރުން ގެދޮރުވެރިޔާ ޕޯޓަލުން މީގެ ކުރިން ފެންނަން ހުރި ޕޮއިންޓުތައް މިހާރު ނުފެންނަނީ ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށްވެސް މިނިސްޓަރ ހައިދަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތައް ހައްގުވެރިންންނަށް ހަވާލުކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައިސް އަހަރެއްވާން ކައިރިވި އިރުވެސް ގޯއްޗާއި ފްލެޓްތައް ނުދޭތީ ރައްޔިތުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ވެސް ކުރަމުންނެވެ.