ކުރީ ސަރުކާރަށް ވުރެ މި ސަރުކާރު މާ ގޯސްކަން އުތުރު ތިލަފަޅު މައްސަލައިން އެކަނި ހާމަވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރިން ޕީޕީއެމް ޕިއެންސީއިން ދައްކަމުން ދިޔައީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ގައުމަށް ޣައްދާރުވަމުންދާ ކަމުގެ ވާހަކައާ އެގޮތުން ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ގުރުބާންކޮށް ގައުމުގެ ތަންތަނަށް އިންޑިއާ މިލިޓަރީގެ ބާރު ހިންގަން ފުރުސަތު ދިން ވާހަކަ ކަމަށެވެ.
ނަމަވެސް މިއަދު ވެރިކަމަށް އައުމަށް ފަހު މި ސަރުކާރުން ވެސް ގެންދަނީ އެބީދައިން ކަން ކުރަމުން ކަމަށާ ރީތިކޮށް ވިދާޅުވާ ނަމަ ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ގޯސްތައް މާ ބޮޑު ކަމަށާ އޭގެ އެއް ހެއްކަކީ އުތުރު ތިލަފަޅުގެ މައްސަލައިގައި މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުގެ ކިބައިން ފެނިގެން މިދަނީ ޤައުމަށް ޢައްދާރުވުމުގެ އެންމެ މަތީ ސިފަ. ވެރިއެއްގެ ހުންނަން ޖެހޭ އެންމެ ބޮޑު އަސާސް ރައީސް މުއިއްޒުގެ ކިބައިން ގެއްލިއްޖެ. އުތުރުތިލަފަޅުގެ މިސާލަށް އެކަނި ބެލިޔަސް ރައީސް ޞާލިހުގެ ސަރުކާރަށް ވުރެ މި ސަރުކަރު ގޯސް. މިހާރު އަޒާން އަށް ވެސް އެތަނަށް ނުދެވޭނެ.
ރައީސް ޔާމީން ވިދާޅުވީ ހިތާމަޔާ އެކު ވިދާޅުވާން ޖެހެނީ މި ސަރުކާރުން ވެސް މި ގެންދަނީ މަންމަގެ އުނަގަނޑުގައި އޮތް ފައްޓަރު ބައި ވެސް ވިއްކާލާ ހިސާބަށް ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު. އެންމެ ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ނުރައްކާވާނެ އެތައް އެގްރިމަންޓެއް ސޮއިކޮށްފައިވެއެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.