ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެއް ކަމަށާއި އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހުތުބާގައި ވިދާޅުވީ މާތް ﷲ އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ހަރާމްކުރައްވައިފައި ކަމަށެވެ. އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވިއެވެ.
އަދި ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައިވާ ކަމަށާއި މާތް ﷲ ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންނެވެ.
އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވެއެވެ. ޖުވާގެ އަވައިގައި ޖެހި ﷲހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލައެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެއެވެ.
މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެކެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ނަމަވެސް ހެޔޮގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުމެވެ.
ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ އެ އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައި ކަމަށް ވެސް ވިދާޅުވިއެވެ. ހުތުބާގައި ވިދާޅުވެފައިވަނީ މީހުންގެ ހިތްތައް ވަނީ އެ ހިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފާ ކަމަށެވެ.