އާސަންދައަށް މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 565 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ދައުލަތުގެ ހެލްތު އިންޝުއަރެންސް ކުންފުނިން އާންމުކުރި ތަފާސް ހިސާބުތަކުންނެވެ.
އެގޮތުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އާސަންދަ ކުންފުނިން 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އާސަންދައިގެ ކުއާޓަލީ ތަފާސްހިސާބުތަކުން ހާމަވެއެވެ.
އާސައިންދައިގެ މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި-ސެޕްޓެމްބަރު) ގެ ތަފާސްހިސާބުތަކުން ދައްކަ ގޮތުގައި އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ބްލޮކްކުރެވިފައިވެއެވެ.
މިއީ ނިމުނު އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޚަަރަދުވީ އަދަދާ ބަލާއިރު 8.4 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރގައި ހަރަދުވީ 833 މިލިއަން ރުފިޔާއެވެ.
ބަޖެޓަށް ވުރެ އިތުރަށް އާސަންދައިން ޚަރަދުކޮށްފައިވާއިރު މި އަހަރުގެ ތެރޭގައި އާސަންދައިގެ ހަރަދުތައް ކުޑަކުރަން ސިޔާސަތުތައް ބަދަލުކުރާނެ ކަމަށް ބުނި ނަމަވެސް އެއިން ކަމެއް އަދި ނުކުރެއެވެ. އަދި އާސަންދަ ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭަކަމުގެ ޝަކުވާއަކީ އެއީ ވެސް އާންމުކަމެކެވެ.