މި ސަރުކާރުގައި ބާރު ސްޕީޑްގައި ދަނީ ތަރައްގީގެ ބަދަލުގައި ވައްކަންކުރުން ކަމަށް ވަކީލު، އުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.
އާސިފް މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުގެ ބިޔަ ބޮޑު މަޝްރޫއުކަމަށްވާ "ރަސްމާލެ" ހިއްކުމުގެ މަޝްރޫއު ދަނީ ވަރަށް ވެސް މަޑުންކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ. ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމަން ކަނޑައެޅި އަށް މަހުން ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ %2.5 އެވެ. މިކަމަށް ފާޑުވިދާޅުވަމުން އާސިފް ވިދާޅުވީ ރަސްމާލެ ހިއްކާ ސަރަހައްދަށް ދިޔައިރު ފެނުނީ ވޮލީ ކުޅޭ ކޯޓެއް ވަރުގެ ސަރަހައްދެއް އެކަނި ހިއްކާފައިވާ މަންޒަރު ކަމަށެވެ.
މިއަހަރަށް ކަނޑައެޅި ބަޖެޓް ހުސްވި އިރު ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށާ، ރާއްޖޭގެ އެއްވެސް ރަށެއްގައި ފެށުނު މަޝްރޫއެއް ނެތްކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ފައިސާތައް ދިޔައީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭކަމަށް ވިދާޅުވެ އާސިފް ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދެން ބައްލަވާ، މުއިއްޒުގެ އެންމެ ބޮޑު މަޝްރޫއު ރާޖޫ މާލެ އެޔޮތީ، އަބްދޯ ދިޔަ އެތަނަށް، ތިބޭފުޅުން ވަޑައިގެން، އެޔޮތީ އެތަން އޮތް ހާލު. ކުޑަ ވޮލީ ކޯޓެއް ވަރުގެ ފަސްކޮޅެއް އެތަނުގައި އެޔޮތީ. 1153 ހެކްޓަރު ހިއްކަން ބުނި ތަނެއް އެޔޮތީ. ބާރު ސްޕީޑްގައި ދައްކަނީ ވައްކަން ރައްޔިތުންނޭ.
ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރައްވާކަމަށާއި ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ދަނީ ގައުމުން ފިލަންކަމަށް ވެސް އާސިފް ވަނީ ވިދާޅުވެފައެވެ. ފިލައިގެން ދިޔަކަމުގައި ވީނަމަވެސް ރައްޔިތުންނަށް އެތަނަކުން ގެންނާނެ ކަމަށާ ޖަވާބުދާރީ ވެސް ކުރުވާނެކަމަށް އާސިފް ވާހަކައިގައި ފާހަގަކުރައްވާފައެވެ.