ރާއްޖެއަށް މިދަނޑިވަޅުގައި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާން ސަރުކާރުން ދިވެހި ސަރުކާރަށް ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުން އާއްމުކުރި ލިއުމެއްގައެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި މިވަގުތު ހުންނެވި އަންވާރުލް ހައްގު އާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ މައުލޫމާތު ހިއްސާކުރައްވާ ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތަށް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އެގައުމުގެ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ދީފައެވެ.
މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤްވަމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ވަގުތީ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ އަށްވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިފަދަ މަޝްވަރާތަކެއް ޕާކިސްތާނާ ރާއްޖެއާ ދެމެދު ކޮށްފައިމިވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޑިމާންޑްތަކެއް ކޮށް އެކަންކަން ކާމިޔާބުނުވުމުން ރާއްޖެއަށް އެކި ގޮތް ގޮތުން ދަތިކުރުމަށް އެގައުމުން މަސައްކަތްކުރަމުން ދާ ދަނޑިވަޅެއްގައެވެ.