ފުލެޓް ލިސްޓު ނެރުން، އިނބިލީހުގެ ކައިވެންޏަށް! / ތޭރަގްރެފިކްސް
ސިޔާސީ
ފުލެޓް ލިސްޓު ނެރުން، އިނބިލީހުގެ ކައިވެންޏަށް!
Aishath Naja
އައިޝަތު ނަޖާ
28 އޮކްޓޯބަރު 2024
މާލެ ސިޓީ

ވެރިކަމަށް އައި މަގުސަދު ހަނދާން ނެތިގެން އަދުގެ ސަރުކާރުގެ ވެރިން އުޅޭތީ ހައިރާންވެއެވެ. އެތައް ބައިވަރު ވައުދުތަކަކާއި އަހުދުތަކެއްވެ، ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލަން ކަމުގައި ވާނަމަ މިއަދު މިވެރިން ވެރިކަމުގައި ތިބެން ޖެހޭނެތޯއެވެ. މިއީ އުފެދޭ ވަރުގަދަ ސުވާލެކެވެ. މޮޅެތި ވާހަކަތައް ދައްކައިގެން ރައްޔިތުން ހައްލައިގެން އައި މިވެރިކަން ދަމަހައްޓަން ބޭނުން ނުވަނީ ނޫން ކަމެއް ވެސް ނޭނގެއެވެ.

ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯ ލޯންޗް ކުރި ރޭ ހުޅުމާލެގައި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ދައްކަވާފައިވާ ވާހަކަތަކަށް އަލިއަޅުވާލާއިރު، "ބިންވެރިޔާ ޕްރޮގްރާމްގެ ނަމުގައި ވަރަށް ގިނަ ގޯތި، އެތައް ހާސް ގޯއްޗެއސް ހުޅުމާލެއިންނާ އަދި ނުހިއްކާ އޮތް ފަޅު ފަޅުންނާ ދޭން އިއުލާންކޮށްފައިވާކަމަށެވެ. އަޅަން ނުފަށާ ހުރި ފްލެޓްތައް ވެސް ދޭން ލިސްޓް ނެރެފެއިވާކަމަށެވެ.ކުރީ ސަރުކާރުން ހެދީ ގޯހެއް ކަމުގައި ވިޔަސް ރައްޔިތުންނަށް ހެޔޮކަމެއް ލިބޭކަމަށް ވަންޏާ އެކަމަަކަށް ހުރަހެއް ނާޅާނެކަމަށާ އެކަމަށް ހުރަސް އަޅައިގެން ވެސް ނުވާނެކަމަށް ވިދާޅުވިއެވެ. ވުޖޫދުގައި އޮތަސް ނެތަސް ރައްޔިތަކަށް ލިބޭ އެއްޗެއް ވެއްޖާ އެޔަކަށް ރައީސް މުއިއްޒުގެ ސަރުކާރަކުން ހުރަހެެއް ނާޅާނެކަމަށް ވިދާޅުވެފައިވެއެވެ".

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އޭރު ރައީސް މުއިއްޒަށް ކުރި އެއް ތުހުމަތަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، އެ ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯއްޗެއް ވެސް ފްލެޓެއް ވެސް ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ވާހަކަތައް ދައްކާއިރު ވެސް ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރޭ. އަޅުގަނޑުމެންނެއް ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަދި ލިބެން އޮތް އެއްޗެއް ވިޔަސް އަތެއްނުލާނަން. އެއީ ފްލެޓެއް ކަމުގައި ވިޔަސް، ގޯއްޗެއް ކަމުގައި ވިޔަސް، ވަޒީފާއެއް ކަމުގައި ވިޔަސް، އެހެން މަޝްރޫއެއްް ކަމުގައި ވިޔަސް އަތެއްނުލާނަން،" މާލޭގައި ސެޕްޓެމްބަރު 14، 2023 ގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ޑިސެމްބަރު 5، 2023 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެ ސުވާލު އަނެއްކާ ވެސް އުފެއްދީ އެހެންވެ އެވެ. އެ ދުވަހު ވެސް މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ ފްލެޓް ލިސްޓްގައި ހެޔޮގޮތުގައި ހިމެނުނު އެއްވެސް މީހަކަށް ފްލެޓް ނުގެއްލޭނެ ކަމަށެވެ. ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވެސް ސާފުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން މިހާރު އެ ކުރައްވަނީ ކީއްތޯއެވެ؟ މިޔަށް ކިޔާނީ ހުރަސް އެޅުން ނޫންކަމުގައި ވާނަމަ މިޔަށް ކިޔާނެ އެއްޗެއް ބުނެ ދެއްވާށެވެ.

ދޭނެ ކަމަށް ވިދާޅުވި ގޯއްޗާއި ފްލެޓް ނުދީ އަމިއްލަފުޅު ޖީބަށް ލައިގެން އުޅޭތާ 11 މަސްވަނީއެވެ. މިކަމާ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭ ހައްގު ހޯދުމަށް ގޯއްޗާއި، ފްލެޓުތައް ދޫކޮށްދިނުމަށް އެދި މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.ކިތަންމެ ވަރެއް ކުރިޔަސް ފްލެޓްތައް ނުދީ، ގޯތިތައް ޖީބަށް ލައިގެން އުޅެންޏާ ރައްޔިތުން މުޒާހަރާކުރާނެތާއެވެ. ހައުސިންގ މިނިސްޓަރު އަލީ ހައިދަރު ކުރައްވަނީ ކީއްބާއޭ ވެސް ހިތައް އަރައެވެ. ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ހިސާބުގެ އެންމެފަހުގެ މައުލޫމާތެއްހާ ހިސާބު ވެސް ހިއްސާނުކުރެއެވެ. ރައްޔިތުން ވާނުވާއެއް ތެރޭ ބެހެއްޓީމާ މިނިސްޓަރ ހައިދަރަށް ލިބެނީ ކޯއްޗެއްތޯއެވެ. ހަގީގަތުގައި ބުނަންޏާ މި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމެއް ނުވަތަ ނުގެންދާ ކަމެއް ވެސް ނޭނގެއެވެ.

ހައިދަރު އެންމެ ފުރަތަމަ ވިދާޅުވީ ފްލެޓް ލިސްޓް އޮކްޓޯބަރު މަސްތެރޭ އިއުލާން ކުރާނެކަމަށެވެ. އޮކްޓޯބަރު މަސް ނިމެން ކައިރިވި އިރުވެސް ނުކުރާތީ ރައްޔިތުން ފާޑުކިޔަމުން ފެށުމުން ދެން އަނެއްކާ ވެސް ވިދާޅުވީ މި ހިނގާ ހަފްތާ ތެރޭ އެކަން ކުރާނެކަމަށެވެ. ދެން އަނެއްކާ މިއަދު ހައުސިންގ މިނިސްޓްރީން ބަޔާން ގަނޑެއް ނެރެ ވިދާޅުވީ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާއަށް ލަސްކޮށްފައިވާ ކަމަށެވެ.

މިއީ ދެން އަޖައިބުވެ އަންތަރީސްވާ ވަރުގެ ކަމެކެވެ. ފުލެޓް ލިސްޓް އާންމު ނުކޮށް ހިފަހައްޓަނީ އޭގައި ކޮންމެވެސް ނުބައެއް މިވެރިން ހަދާތީކަން މިހާރު ކަށަވަރެވެ. ފުލެޓް ލިސްޓު ނެރުން،މިވީ އިނބިލީހުގެ ކައިވެންޏަށް!

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved