ދުނިޔޭގައި ރިޝްވަތު ދީގެން ވިޔަފާރި ހޯދުމަށް އަރާހުރި ކުންފުންޏެއްކަމަށްވާ "ވިޓޯލް" އިން ތެޔޮ ގަންނާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ގަތަރުގެ ކުންފުންޏަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފާ އޮއްވާ ވީނުވީއެއްނޭގި ވިޓޯލް އިން ތެޔޮ ގަންނަން ފެށީ ބައެއްގެ އަމިއްލަ އެދުމެއް އޭގައި އޮވެގެންކަމަށެވެ. އޭގެން އެސްޓީއޯގެ ވެރިޔަކަށް ހުންނަވާ ފަރާތައް ވެސް ފައިދާ ވަނީ ނޫންކަމެއްް ނޭނގޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެސްޓީއޯގެ ވެރިޔާއަށް ވެސް ތުހުމަތު ކުރައްވާފައެވެ.
އޭގެއިތުރުން ބޭރުގެ ޕްރައިވެޓް ކުންފުންޏަކުން ތެޔޮ ގަންނަ މިއީ ތާރީހުގައި ވެސް އެންމެ ފުރަތަމަ ފަހަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ވިޓޯލް އިން ތެޔޮ ގަންނަނީ އަގު ބޮޑުކޮށް. ވިޓޯލް އަތުން އަޅުގަނޑުމެންނަށް އެހެން ކުންފުނިތަކުން ލިބޭހެން ތަންކޮޅެއް އެކްޓެންޑެޑް ރިޕޭމެންޓެއް ހިޔެއް ނުވޭ ލިބޭހެނެއް. ކޮންމެ ގޮތެއް ހަދާފައި ވެސް އެކަން އެބަ ކުރޭ.
ވިޓޯލް އިން ތެޔޮ ގަންނަނީ ކިހާވަރަކަށްކަން އެއީ ރައްޔިތުންނަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވިދާޅުވާން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ބަންކަރިންގ ހިދުމަތް ފަށައިގެން ސަރުކާރުން ކުރާ ކަންތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ ވިޓޯލް އާއެކު އެކަން ކުރަމުން ގެންދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.