ރަސްމާލެއާ މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމުގެ ވާހަކައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުގެ ދެއްކެވި ވާހަކަ ދިމާނުވެ ސަރުކާރު ހޫނުފެނަށް ވެއްޓިއްޖެ އެވެ.
ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާރ މުއްތަލިބު ވިދާޅުވީ އަންޑާވޯޓާ ޓަނަލްއަކީ ރައީސް މުއިއްޒުގެ ވަރަށް މުއްސަނދި ތަސައްވުރެއް ކަމަށެވެ. އެ ތަސައްވުރަކީ އެމެރިކާ މީހުން ހަނދަށް ދިޔުން ފަދަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ.ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައި ނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
އިތުރަށް މުއްތަލިބު ވިދާޅުވީ އެ ޓަނަލް އެޅުމުގެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެއަށްވުރެ މާ އާދަޔާ ހިލާފު މަސައްކަތެއް ކަމަށެވެ.ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ޓަނަލްއަކުން ގުޅުވާލުމަށްޓަކައި މިހާރު ފަންނީ ވަރަށް ގިނަ މަސައްކަތްތަކެއް، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފައި ކަމަށާއި އެކަމަށް ވަރަށް ގާބިލް ކުންފުނިތަކާއެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވީދާޅުވީ މި ޓަނަލް ވެގެން ދާނީ މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ އަންޑާ ވޯޓާ ޓަނަލަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެއީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއްކަމަށެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއީ ރައީސް މުއިއްޒުގެ "ވިޝަނެެއް" ކަމަށެވެ.