ދިވެހިރާއްޖޭގައި ގާނޫނު އަސާސީ އެއް އެބައޮތެވެ. އެ ގާނޫނުއަސާސީގައި ދައުލަތުގެ އޮނިގަނޑު އެކަށައަޅާފައި އޮތްގޮތުން ވަރަށް ގިނަ އަދަދެއްގެ މިނިވަން މުއައްސަސާތަކެއް އެކަށައަޅާފައި ހުންނަކަން އެންމެނަށް ވެސް އެނގޭނެކަން ޔަގީނެވެ. މިއީ ދައުލަތުގެ ތިން ބާރުންކުރެ އެއްވެސް ބާރަކަށް ސީދާގޮތުގައި ނުފޫޒު ފޯރުވެން ނެތް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި އެ ކުރަންޖެހޭ ކަމެއް ކުރެވޭނޭ ބާރު ލިބިގެންވާ މުއައްސަސާތަކެއްކަމަށް ގާނޫނުއަސާސީގައި ބަޔާންކުރެއެވެ.
ގާނޫނުއަސާސީގެ މި ބަހަށް އަދުގެ ސަރުކާރުންވެސް އެއްބަހެވެ. އެ މުއައްސަސާތަކުގެ އެންމެ އިސް މީހާ ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ނަންގަވަން އެ އުޅުއްވަނީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމަށް ބާރު އެޅުއްވުމުގެ ގޮތުން ނޫނިއްޔާ ވަކި ކޮން ސަބަބެއް އޮވެގެންތޯއެވެ. މުޅި ދައުލަތަށް ފާރަވެރިވާ މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުމުގެ އެންމެ އިސް މީހާއަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހަކަށް ހައްދަވަން އެ އުޅުއްވަނީ ހެޔޮނިޔަތުގައި ކަމަށް ގަބޫލުކުރާނީ ކިހިނަކުންތޯއެވެ.
މިނިވަން މުއައްސަސާތަކުގެ ރައީސުން ކަނޑައެޅުމަށް އެ މުއައްސަސާތަކަށް ބާރު ދީފައި އޮތީ، އެއީ މުސްތަގިއްލު މުއައްސަސާތަކެއް ކަމަށް ގާނޫނުއަސާސީގައި އޮންނާތީ އެވެ. ކޮމިޝަން ހިންގާނީ ކާކުކަން ދައުލަތުގެ އެހެން ބާރަކަށް ބުނެވޭނަމަ އެއީ މިނިވަން މުއައްސަސާއަކަށްވޭތޯ އެވެ. ގާނޫނުއަސާސީގައި އެ އޮތް އުސޫލު ކަނޑައެޅިފަހުން މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް ހަދައި، އެ ގާނޫނުތަކަށް އަމަލުކުރާތާ މިހާރު 15 އަހަރު ވެއްޖެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ހިސާބުން މުޅިންވެސް އިވެމުން ދިއައީ ދިހަ އަހަރުގެ ވެރިކަމެއް ރައީސް މުއިއްޒު ބޭނުންފުޅުވާ ވާހަކައެވެ. އޭގެފަހުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ 20 އަހަރުގެ ވެރިކަން ވެސް ދޭން ހައްގުކަމަށެވެ. ރައީސް ކަމުގެ މަގާމުގައި ހުރި ބޭފުޅަކު އަދި އަމުދުން 15، 20 އަހަރު ވަންދެން ވެރިކަމުގެ ޝައުގުވެރިކަމުގައި ހުންނެވި ބޭފުޅަކު އިންތިޚާބުތަކާ ބެހޭ ކޮމިޝަންގެ ވެރިޔަކަށް ހުންނަން ޖެހޭ މީހާ އަމިއްލަފުޅަށް ކަނޑައަޅުއްވަން ނިންމަވާ ހިސާބުން އެހެން ބަޔަކު އިންތިޚާބުގައި ވާދަކުރަން ނުކުތުމުގެ މާނައެއް ނެތެވެ. މިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި އީސީގެ ރައީސް ކަނޑައަޅައިގެން އިންތިޚާބު ވަގަށް ނަގާށެވެ. އިދިކޮޅުގައި އޮވެ 2018 ވަނަ އަހަރުގެ އިންތިޚާބް އެމްޑީޕީން ވަގަށް ނެގީ އީސީގެ ރައީސް ޝަރީފަށް ރިޝްވަތު ދީގެންނޭ ކިޔައިގެން އަޑުގަދަ ކުރި މީހުން އަމާޒު މި ބެހެއްޓެވީ ސީދާ ކޮމިޝަން ވެރިކޮށްލައިގެން އެތަނުގެ ވެރިޔާ ގުލާމަކަށް ހަދާލާށެވެ. ލަދުވެތި ނޫންތޯއެވެ.
ދެން އޮތް އަނެއް ކަމަކީ ރައީސް މުއިއްޒަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ރެކިވަޑައިގަންނަވަން އޮތް ހަމައެކަނި ހައްލަކީ އެ މައްސަލަތައް ބަލަން އޮތް ކޮމިޝަންގެ ރައީސް އަމިއްލަފުޅަށް އައްޔަންކުރުން ކަމަށް ގަބޫލުފުޅު ކުރެއްވޭނަމަ މަނިކުފާނު އަމާޒު ހިފާފައިގެން ހުންނެވީ މުޅިން ނުބައި މިސްރާބަކަށެވެ.އަދި ފަސޭހަކަމާއެކު ދެވަނަ އަދި ތިންވަނަ ދައުރެއް ހޯއްދެވެން އޮތް ހަމައެކަނި ގޮތަކީ އިންތިޚާބު ތަކާ ބެހޭ ކޮމިޝަންގެ ވެރިއަކަށް ހުންނަވާ މީހާ އެއީ އަމިއްލަފުޅަށް އައްޔަން ކުރައްވާ މީހަކަށް ހެއްދެވުން ކަމަށް ދެކިވަޑައިގަންނަވާ ނަމަ ތިޔަ ވަޑައިގެންނެވެނީ މުޅިން އެހެން ދިމާއަކަށެވެ. ގައުމު ސޮއްސާލެއްވެނީ އެތައް އަހަރެއްގެ ފަހަތައްކަމެއް ނޭނގެނީތޯއެވެ.
އީސީން ބާއްވާ އިންތިޚާބަކުން އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބީ ކޮމިޝަނުގެ ވެރިން އައްޔަން ކުރަން ލިބުން މިއީ ދެން ވަރަށް ވެސް ހެއްވާކަމެކެވެ.މަލްޓިޕާޓީ ޑިމޮކްރެޓިކް ވެރިކަން ހިނގާ ގައުމެއްގައި ޕާޓީތަކުން ވާދަކުރާ އިންތިހާބުތައް ބާއްވާ އިލެކްޝަން ކޮމިޝަނުގެ ވެރިން އައްޔަނު ކުރުން ވަކި ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބު ވެގެން ހުރި މީހަކަށް ދިނުމަށްވުރެ އިންތިހާބުތަކުގެ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް ނެތެވެ. ޑިމޮކްރެޓިކް މިނިވަން މުޖުތަމައެއްގައި ކުރެވޭނެ އެންމެ އަންޑިމޮކްރެޓިކް ކަމަކީ އެތަނުން ބާއްވާ އިންތިހާބެއްގައި އިންތިހާބު ވެގެން ހުންނަ ރައީސަކަށް އެތާނގެ އެންމެ އިސް ދެމީހުން ކަނޑައަޅަން ބާރު ދިނުމެވެ.
ރައްޔިތުންގެ މަޖިލީހުން އޭސީސީއަށް މެންބަރުން ހޮވާތީ މިހާރުވެސް އޭސީސީ އޭގެ ޒާތުގައި މަސައްކަތް ނުކުރާކަން އެންމެނަށް ވެސް އެނގެއެވެ. އަދި ހާއްސަކޮށް ރައީސްގެ އަތް މައްޗަށް އޭސީސީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ލިބުމަކީ ރައީސްގެ ގޮނޑިކޮއްކޮއަކަށް އޭސީސީ ވުން ނޫނިއްޔާ އެހެން ކޮންއެއްޗެއްތޯއެވެ.
މިނިވަން މުއައްސަސާތަކަށް ނުފޫޒެއް ނުފޯރުވާނެ ނަމަވެސް އިސްލާހު ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެ "އިސްލާހު" ކުރުމަކީ ގާނޫނު އަސާސީއަށް ފައިން އެރުންކަމުގައި ވާނަމަ ރީތި ގޮތުގައި ވެރިކަމުން ފައިބައި ވަޑައިގެންނަވާށެވެ. ވެރިކަން ކުރަން އަމާޒު ހިފާފައިވާ ގޮތައް ބަލާލާއިރު ސިފަވަނީ "ޑިކްޓޭޓާރޝިޕެވެ".