March 19, 2026
Advertisement
ތިނެއް ނޮވެމްބަރުގެ ހަމަލާގެ ފަހަތުގައި ހުރި އެކަކު ކަމަށްވާ އަބްދުﷲ ލުތުފީ
ތިނެއް ނޮވެމްބަރުގެ ހަމަލާގެ ފަހަތުގައި ހުރި އެކަކު ކަމަށްވާ އަބްދުﷲ ލުތުފީ / އެމްއެންޑީއެފް

ރައީސް ޔާމީންގެ ތުހުމަތެއް: ނޮވެމްބަރު 3ގެ އުދުވާނުގެ އަޑީގައި ނޭނގޭ ދިވެހިން އެބަ ތިބި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 5, 2024, 03:28 AM
މާލެ ސިޓީ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ތަމަޅަ ތައިގަރުންނާ ދިވެހި ޚާއިނުންތަކެއް ގުޅިގެން ދިން އުދުވާނީ ހަމަލާގެ އަޑީގައި ކޮން ބައެއްކަން ނޭނގޭ އިތުރު ދިވެހީން ތިބި ކަމަށް ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދަ ތުހުމަތެއް ކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބާގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ތަމަޅައިންގެ ބަޔަކު މެދުވެރިކޮށް ދިން އެ އުދުވާނުގެ ފަހަތުގައި އިންޑިއާ އޮތްކަން އެއީ ފަހުމުކުރެވޭކަމެއް ކަމަށާ ނަމަވެސް އޭގެ އިތުރުން، ދިވެހީންގެ ގޮތް ނޭނގޭ ބަޔަކު އެ އުދުވާނުގެ ފަހަތުގައި ތިބިކަމަށް އެމަނިކުފާނު ޝައްކުކުރައްވައެވެ.

ރައީސް ޔާމީން ވިދާޅުވީ، ލުތުފީ އާ ސަގަރު ނާސިރުމެންނަކީ އެ ރޭވުން ކާމިޔާބު ކުރުމަށް އޭރުގެ ސިޔާސީ ބަޔަކު ގެންގުޅުނު މަނާތަކެއް ކަމަށާ ރާޒުވާ ކުޅިބައިގައި ބޮދަކީ ކާކުކަމާ އަދި ވަޒީރަކީ ކާކުކަން އެނގުން މުހިއްމު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަމުގެ ޖަވާބު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަތުން ގާތް ކަމަށާ އެއީ ރައީސް ނަޝީދަކީ ދިރާސާ ކުރައްވާ ބޭފުޅަކަށްވުމާ އަދި ބޮޑު ސިއްކަ އަކީ ރައީސް ނަޝީދުގެ އާއިލީ މީހަކަށް ވުމުން ގޭތެރޭގައި އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ވުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ސިއްކަ ވެދާނެ މިއަށް ޚަރަދުކުރި މީހަކަށް އެކަމު މިއީ ހަމަ ޕޯންތަކެއް. ސިއްކައަށް ލިބެން އޮތީ ކޮން މަގާމެއް ހޭ. ބުނެވޭ ރިއާޔަތްތަކުގައި ސިއްކައަށް ލިބެން އޮތީ ޓްރޭޑް ވަޒީރުކަން. އެހެންވީމަ އޭނައަކީ އަދި ރައީސެއް ނޫން. އެެހންވީމަ ޚާކުހޭ ރައީސަކަށް އަންނަން އޮތީ. މިވަރުގެ ކަމެއް ކޮށް ސަރުކާރެއް ބަދަލުކޮށް ނިމޭއިރު ކޮންމެ ވެސް މީހަކު ހުންނަން ޖެހޭނެ ރައީސަކަށް. މިއެއް އަޅުގަޑުމެންނަކަށް ނޭނގޭ. އަދިވެސް މިއޮތީ ވަންހަނާވެފައި އޮތް ކަމެއްގެ ގޮތުގައި. އެކަމު މީ ތާރީޚުގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭކަމެއް. މިއީ ދިވެހި ރައްޔިތުންގެ ހައްގެ. މިއީ ކޮންބައެއް ގެނައި ކިހާ ވަރުގަދަ ނިރުބަވެރި އުދުވާނެއްތޯ. މީގަ އަޑީގައި އިންޑިއާގެ ބޭނުންތަކެއް އޮތްކަމަށް ސްޕެކިއުލޭޓު ކުރާއިރު އެކަމު މީގެ ތެރޭގައި ދިވެހިން ލައްވާ މިކަން ކުރުވާއިރު މި މީހުންގެ އަލްޓީރިއާތަކެއް އުޅޭނެއޭ. ރައީސް ނަޝީދުވެސް އެ ސްޕެކިއުލޭޓުކުރައްވަނީ. އެކަމު މީގަ އެބޭފުޅުންނަށް ހަގީގަތް އެނގޭނެކަމަށް އަޅުގަޑު ގަބޫލުކުރަނީ. ރައީސް ނަޝީދަކީ ދިރާސާ ކުރައްވާ ބޭފުޅެއް. އެހެންވީމަ މީގަ އަޅުގަޑުމެންނާ ހަމައަށް ތިލެނުވެގެން އުޅޭ ނަމެއް ނުވަތަ ނަންތަކެއް އެބަހުރި.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ނޮބެމްބަރު 3ގެ ހާދިސާ ތަހުގީގުކުރަން އެކުަލވާލި ކޮމިޓީއެއްގައި އެމަނިކުފާނުވެސް ހިމެނިވަޑައިގެންނެވި ކަމަށާ އެ ދުވަހުވެސް ވަޒީރު ބޭފުޅެއް އަރިހުން އެ ސުވާލު އެގޮތަށް ތަކުރާރުކުރެއްވި ކަމަށެވެ. ނަމަވެސް ޖަވާބެއް ނުލިބުނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ތަމަޅަ ތައިގަރުން ތަމްރީނުކުރީ ބޭރުގައި ކަމަށްވާއިރު އެކަންވެސް އިންޑިއާއަށް ނޭނގި ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ސިލޯނަށް އެހީތެރިކަމަށް އެދުމުން އެކަަމަށް ދެކޮޅު ހެދި ސަބަބާ މެދުވެސް ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved