
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން، (އީސީ) އަށް ލިބިފައިވަނީ ދެ ހުށަހެޅުން ކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.
އެގޮތުން ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ 4 ދުވަސް ވެފައިވާއިރު މިހާތަނަށް އެއިދާރާ އަށް ލިބިފައިވަނީ ދެ ހުށަހެޅުންކަމަށެވެ.
ޕޯސްޓްގައި ހުށަހަޅާފައިވާ ދާއިރާތައް ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އެއީ ގަމު ދާއިރާ އަދި ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ނަން ކަމަށެވެ.
މިއަހަރުގެ މާޗް 17 ވަނަ ދުވަހު އޮންނަ 20 ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު، މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހިމަނާފައިވެއެވެ.
މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.










