ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ރަހީނު ކުރި މީހާ ސަލާމަތްކޮށްފައިވާއިރު އެމީހާގެ އިނގިލިތައް ބުރި ނުކޮށް ހުރީ ކިރިޔާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މީހާގެ ބޯވެސް ހުރީ ބާލާފައި ކަމަށާއި ޖިސްމާނީ ގޮތުން އިތުރު އަނިޔާވެސް ދީފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ހިޔާ ފްލެޓުގައި މީހުން ރަހީނުކުރާ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މީހުންނަށް އޮޅުވާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފައިސާ އާއި އަގު ބޮޑު މުދާ ފަދަ ތަކެތި ފޭރޭ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ.
ގޭންގެއްގެ ބަޔަކު، މީހަކު ރަހީނުކޮށްގެން ހިޔާ ފްލެޓު ސަރަހައްދުގައި ހުރި ޓަވަރަކަށް ގެންދިޔަ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ އަށެއް ޖަހާކަންހާއިރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ މައުލޫމާތާއެކު ފުލުހުންގެ އިންޓަލިޖެންސާއި ގޭންގްސް ކްރައިމް ޔުނިޓާއި ހުޅުމާލެ ޕޮލިހުން ގުޅިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާ އެމީހާ ސަލާމަތްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެޕާޓްމަންޓަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ހާއްޔެކެވެ.