ގޭންގު ކުށްތަކަށް ދާއިމީ ނިމުމެއް ގެންނަން ގާނޫނުތައް އިސްލާހުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ކަމަށް ހޯމްލޭންޑު މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން އުޅޭ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ރޭ ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ޓަވަރު އެޗް9ގެ 11 ވަނަަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުވައްޓާލައި އެތަނަށް ވަދެ ފުލުހުން ވަނީ ރަހީނުކޮށްފައިވާ މީހަކު ސަލާމަތް ކޮށްފައެވެ.
މި މައްސަލައިގައި ރޭ 12 މީހަކު ހައްޔަރުކުރުމަށް ފަހު، ބައެެއް މީޑިއާތަކަށް މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ސަރުކާރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އޭނަ ވިދާޅުވީ ހިޔާގެ ބައެއް ތަންތަން ކުއްޔަށް ހިފައިގެން ތަކުރާރުކޮށް ކުށްކުރާކަން ފާހަގަ ކުރެވޭނެ ނަމަ ގާނޫނުގެ ތެރެއިން އެ ތަންތަން ދައުލަތަށް ނެގޭ ކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގައި ހުރި އެފަދަ ތަންތަނުގެ ވެރިންނާ ވާހަކަ ދައްކާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ގޭންގު ކުށްތައް އިތުރުވެގެން ދިޔައީ ގާނޫނުތަކުގައި ދޯހަޅި ބައެއް ކަންތައްތަކާ ހުރެއެެވެ.
ކުށުގެ މާހައުލުން މީހުން ދުރުކުރުމަށްޓަކައި ކުށަށް ނުދާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރުމުގެ އެހާ ބޮޑު ވިސްނުން އޮތްކަން ކުރިން ފެންނަން ނެތް ކަމަށާއި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރަނީ އެހެންވެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ގޭންގު ކުށްތަކާ ގުޅޭ ގާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނެވެ. އެ ދެ ގާނޫނު އިސްލާހުކޮށް، ތަކުރާރުކޮށް ކުށްކުރާ ތަންތަން ގާނޫނުގެ ތެރެއިން ދައުލަތަށް ނެގުމަކީ އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ފުލުހުން ކުށް ކުރާ ފަރާތްތަކާއި ދޭތެރޭގަ ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ފާހަގަ ކުރައްވަމުން އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ގައުމުގައި ތަންކޮޅެއް ފުޅާވެފަހެން މިއޮތީ. އެ ވީވީނުން ގޮސް ތަކުރާރުކޮށް އެންމެންގެ ލޯމަތީގައި ކުށްކުރާ މީހާ ވެސް ކުޑަކުޑަ އިދާރީ ކުށެކޭ ކިޔާފައި ނުވަތަ ނަގަންޖެހޭ ދިމާލަކުން ނުނެގުމުގެ ފިޔަވަޅެކޭ ކިޔާފައި އެމީހާ ކުށްނުކުރާ ކަމަށް ހަދާފައި އެ މީހާ މުޖުތަމައުގެ ތެރެއަށް އެބަ ދޫވޭ
އެ ތަނުގައި ރަހީނުކޮށްފައިވާ މީހާގެ ބޯ ވެސް ވަނީ ބާލައިފައެވެ. އަދި ތައްޔާރުވަމުން ދިޔައީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދޭންކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކުގައިވެއެވެ.
ހިޔާގެ ފަސް ވަނަ ޓަވަރުގެ އެޕާޓްމަންޓަކަށް އޮޅުވާލައިގެން މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ވެސް މިދިޔަ މެއި މަހު ފެންމަތިވިއެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ވެސް ފުލުހުން އެ ފަހަރު އާއްމުކުރިއެވެ.