ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި އިއްޔެ ރޭ ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިޔާ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވާ ގޮތުން ހައްޔަރުކުރި މީހުންނަކީ:
1-އަލްމަން އަލީ ހާލިދު، 22، ގދ.ވާދޫ/ވެހި
2-މުހައްމަދު އިޒްކާން، 18، މ. ހަތިކަނޑު
3-އިޒާން އަހުމަދު، 18، ޒުނައިޓްވިލާ/ކ. ގުރައިދޫ
4-އަހުމަދު ޒާހިދު، 36، ދަންމަރު/ ށ.ފޯކައިދޫ
5-އާދަމް ހުސައިން، 48، ޖަމީލާ މަންޒިލް/ލ. މާވަށް
6-އިބްރާހީމް ނަޝީދު، 34، ހިޔާލީގުލްޝަން/ލ.އިސްދޫ
7-އަހުމަދު ސަމީހު، 22، ނައިޓްސްޓާ/ބ.ގޮއިދޫ
8-އިސްމާއީލް ވިޝާމް މުހައްމަދު، 29، ވ. ގާމާ
9-ވިޝާމް މުހައްމަދު، 23، ޗިޗަންޑާގެ/ގދ.ވާދޫ
10-ވިސާން މުހައްމަދު، ހިޔާ 03-17-14/ހުޅުމާލެ
11-މުޝްތާގު ޝާކިރު، 37، ޖަނަވަރީގެ/ގދ.ވާދޫ
12-ހަސަން ގާލިބު، 38، އާރެސް/މ.ކޮޅުފުށި
މީގެ ތެރެއިން އަލްމަން އާއި އާދަމް ހުސައިން އަދި އިޒާން ފިޔަވައި ދެން ތިބި އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. މި ތިން މީހުން ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.
ފުލުހުން އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ގަދަބާރުން ވަދެގަތް އިރު، އެތަނުގެ ތެރޭގައި ތައްޔާރުވަމުން ދިޔައީ 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކުރާށެވެ.
އެއީ ޑްރަގްގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ އެޕާޓްމަންޓެކެވެ.
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތައް ޑްރަގް އައްޑާއަކަށް ބަދަލުވެ، އޭގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.