ވެރިކަމުގައި ހުންނެވި ދުވަސްވަރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ލިސްޓު އާންމު ނުކުރެވުމުން ހިތާމަކުރއްވާ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ހުންނެވި ދުވަސްވަރުވެސް އެމަނިކުފާނަކީ ފުލުހުންނާއި ސިފައިން ކުރާ ކަންކަމުގެ ތެރެއަށް ވެދެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ފުލުހުންނަށް މަޖުބޫރުކޮށްގެން ވިނަމަވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓު އާންމު ނުކުރެވުމުން ވަރަށް "ރިގްރެޓު" ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަބަބެއްކަމުގެ ރައީސް ޔާމީން ވިދާޅުވީ އަހުމަދު އަދީބު ހިންގާފައި ހުރި ޖަރީމާތަކާ އަދި އެ ޖަރީމަތަކުގެ ހަގިގީ ބައިވެރިން ރައްޔިތުންނަށް އެނގުން ކަމަށެވެ.
އަޅުގަނޑު ރިގްރެޓް ކުރާ އެއް ކަމަކީ ފުލުހުންނަށް ހަމަ މަޖޫބުރު ކޮށްގެން އެމްއެމްޕީއާރްސީން ވައްކަން ކުރި މީހުންގެ ލިސްޓު ނުނެރެވުނުކަން. އެކަމަކު އަޅުގަނޑަކީ ފުލުހުންގެ ޑޭޓުޑޭ ކަންކަމަށް ފާޑު ކިޔާ މީހެއް ނޫން، އޭގެ ތެރެއަށް އަޅުގަނޑު ނުވަންނަން. ސިފައިން ކުރާ މަސައްކަތުގެ ތެރެއަށް ވެސް އަޅުގަނޑު ނުވަންނަން.
ރައްޔިތުންނަށް ގެނެސްދެވުނު ތަރައްގީއަށް ބަލާއިރު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި އެއްވެސް ކަމަކާ ހިތާމަ ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ތަރައްގީ އެއީ ރައްޔިތުން ބަލައިގަތްކަމެއްކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު މިހާތަނަށް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެކި ލިސްޓު ދަނީ ދައުރުވަމުންނެވެ. މިހާތަނަށް ފެންނަން އޮތީ މި މައްސަލަ ދިރާސާކުރި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓެއް އެކަންޏެވެ.