ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.
މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. އެގޮތުން ޕީއެންސީގެ ސަރުކާރުން އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކުރަންށެވެ.
ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ގާނޫނަށް މިގޮތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދެވެ.
މިއަދުގެ ކޮމިޓީގައި މިހާރު ސަރުކާރުން ހުށަހަޅާފައިވާ ދެ އިސްލާހެއް މެންބަރުންވަނީ ކޮމިޓީ މަރުހަލާގައި ފާސްކޮށްފަ އެވެ. އެ އިސްލާހުތަކަކީ:
ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ނިޝާނާއި ކުލައާއި ސިއްކަ ފަދަ ޕާޓީގެ ރަމްޒުތައް އެ ޕާޓީއެއް އުވާލާ މުއްދަތުން ފެށިގެން ފަސް އަހަރުގެ މުހުލަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނުގައި މާއްދާއެއް ހިމެނުމަށް ހުށަހެޅުއްވި އިސްލާހެކެވެ.
ފަސް އަހަރުން އެއްފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް ޕާޓީ އުވައިނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުަމަށް ހުށަހެޅި އިސްލާހެވެ.
ކޮމިޓީން މި ދެ އިސްލާހު ބިލުގައި ހިމެނުމަށް ފާސްކޮށްފައިވެއެވެ. އަދި އެ ދެ އިސްލާހު ހިމަނައިގެން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރުމަށް ކޮމިޓީންވަނީ ނިންމާފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ޕާޓީއެއްގެ މެންބަރަކު ގާނޫނަކާ ހިލާފު ކަމެއް ކޮށްފިނަމަ އެ މީހަކު ޖޫރިމަނާކުރުމުގެ އިތުރަށް އެމީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލެކެވެ.
އިތުރަށް އެ ބިލުގައި އޮތީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު ގާނޫނަށް އިތުރުކުރި މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ.
ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅާފައި މިވަނީ ޕީއެންސީ ވެރިކަމަށް އައުމަށް އެންމެ ބޮޑު އެސެޓެއްގެ ގޮތުގައި ބޭނުންކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) އުވާލަން ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް، ޕާޓީގެ އިސް ބޭފުޅުން މަސައްކަތްކުރަމުން ދާ ދަނޑިވަޅެއްގައެވެ.