ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން: އެމީހުންގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައި / ޕޮލިސް
ހަބަރު
ކާރެއް ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި އިތުރު ހަތަރު މީހުން ބަންދަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ނޮވެމްބަރު 2024
މާލެ ސިޓީ

ހުޅުމާލޭގައި، ރޭ ކާރެއްގެ ތެރޭ މީހަކު ހިފަހައްޓައި ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނި ގޮތުގައި، ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގަ އެވެ.

ފުލުހުން ބުނި ގޮތުގައި:

  • އޭނާ ކާރު ތެރޭ ރަހީނުކުރުމަށް ފަހު، އަނިޔާކޮށް ބިރުދައްކާފައިވޭ

  • އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައިގެން ފައިސާއަށް ވެސް ޑިމާންޑުކޮށްފައިވޭ

އެ މައްސަަލައާ ގުޅިގެން ހައްޔަރުކުރިކަން ފުލުހުން ފުރަތަމަ ހާމަކުރީ އެންމެ މީހެކެވެ. އެއީ މާލޭ، ދަފްތަރު ރސ،9022 އުމުރުން 37 އަހަރުގެ ތޮލާލް މޫސާއެވެ.

މިއަދު ހަވީރު ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ތޮލާލްއާއެކު، އޭނާ ހައްޔަރުކުރި ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

  • ހދ. ކުމުންދާ، ރަތްބަގީޗާގެ، ހުސާމް އިބްރާހީމް (34އ)

  • ގ. ކަޅަގާރިމާގެ، ހުސައިން ހައިކަލް ނިޔާޒު (23އ)

  • ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36އ)

  • ހުޅުމާލެ ފްލެޓް ނަމްބަރު 71-1-04، އަހުމަދު ރިޝްފާން (26އ)

ފުލުހުން ބުނީ އެ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ހަތް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް މީހުން ރަހީނުކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް މާލޭގައި ވަނީ އިތުރުވެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved