ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ މެއި މަހު ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 10،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ތަފުސީލު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގި ރާއްޖޭގެ 138 ރަށެއްގައި މިވަގުތު ކުރިއަށްދާކަމަށެވެ. އަދި މީގެ ތެރެއިން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އަމާޒެއް އަންނަ އަހަރުގެ އޭޕްރީލްއާއި ހަމައަށް މިމަސައްކަތް ނިންމުން. އަޅުގަނޑުމެންވާނީ ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ހުރަސްތަކެއް އަޅަމުންދިޔަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވާ އެފަދަ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމުވާނީ ހަމަޖައްސާފައި.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެމީހުންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން 'ކުރަނގި' ކުރިއަށް ގެންދަނީ3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެމީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެ
ދެން އަންނަ ދެ އަހަރު ތެރޭގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދާ، ފޮޓޯ އައިޑެންޓިޓީ ހަދާނެ
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދާ އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެމީހަކު ފޮނުވާލާނެ
ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި، ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އިހުސާން ވަނީ ކުރިން ވިދާޅުވެފަ އެވެ. ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން ނިމޭއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައިވާ ބިދޭސީން ކަމަށް ހެދުމެވެ.