

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" މިއަދު ފަށައިފި އެވެ.
"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި މިއަދު ފެށި މި އޮޕަރޭޝަނަކީ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މި ރެއިޑް އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހް އާއި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އިމިގްރޭޝަންގެ 35 އޮފިސަރުންގެ އިތުރުން މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންވެސް ބައިވެރިވެ އެވެ.
އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ސިޓީއަކަށްވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.
އިމިގްރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ މައްސަލައަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ 150،000 މަސައްކަތު މީހުންގެ ފޭޝަލް ރިކޮގްނިޝަން ނުވަތަ މޫނު ދެނެގަތުމަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް ހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ