April 23, 2026
Advertisement
ރާއްޖޭގެ ހުރިހާ އިމާމުންނާއެކު މަހާސިންތާއެއް.-
ރާއްޖޭގެ ހުރިހާ އިމާމުންނާއެކު މަހާސިންތާއެއް.- / އިސްލާމިކް މިނިސްޓްރީ

ޖިންސާއި ޓީޝާޓު ލައިގެން އިމާމުވެ ނަމާދު ނުކުރަން އަންގައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 17, 2024, 03:24 PM
މާލެ ސިޓީ

އިމާމުން ޖިންސާއި ޓީޝާޓު ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށް އުސޫލުން އެކުލަވާލައިފިއެވެ.

Advertisement

މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުރުމަށް ހަދާފައިވާ މި އުސޫލުގައި ވަނީ އިމާމުންނާއި މުދިމުންގެ ހެދުން ބަލަހައްޓަންވީ ގޮތާއި ފަރުވާތެރިވާންވީ ކަންކަން ވެސް ހިމަނައިފަ އެވެ.

އެ އުސޫލުގައި ބުނި ގޮތުގައި ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަށް ކަމަށެވެ. އަދި ޖިންސާއި ޓީޝާޓު ލައިގެން ނަމާދު ނުކުރުމަށާއި ގަޔަށް ބާރު ހެދުން ލައިގެން އިމާމުވެ ނަމާދު ނުކުރުމަށް އެ ބައިގައި ހިމަނާފައިވެ އެވެ.

ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށް ވެސް މި އުސޫލުގައި ބުނެފައިވެ އެވެ.

އިމާމުންނާއި މުދިމުންނަކީ ސާފުތާހިރުވެގެން ތިބޭ ބަޔަކަށްވުމާއި މިސްކިތަށް އަންނަ ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާއި މުއާމަލާތްކުރުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދެއްކުމަށް ވެސް އުސޫލުގައިވެއެވެ.

އޭގެ އިތުރުން އުސޫލުގައި ވިދާޅުވެފައިވަނީ އެެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަދި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށް ވެސް އުސޫލުގައި މުދިމުންނަސް އަންގާފައިވެއެވެ.

މި އުސޫލުގައިވާ ކަންކަމާ ހިލާފުވެއްޖެ ނަމަ، އެކަމެއްގެ ކުޑަ ބޮޑު މިނަކަށް ބެލުމަށް ފަހު، ސިވިލް ސާވިސް ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ވެސް އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved