އާސަންދައަށް ހޭދަކުރާ ފައިސާގެ ސަބަބުން ދައުލަތަށް ބުރަ ބޮޑު: ސަރުކާރު / ރައީސް އޮފިސް
ހަބަރު
އާސަންދައަށް ހޭދަކުރާ ފައިސާގެ ސަބަބުން ދައުލަތަށް ބުރަ ބޮޑު: ސަރުކާރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ނޮވެމްބަރު 2024
މާލެ ސިޓީ

އާސަންދައަށް ހައްދެއް ނެތި ދައުލަތުން ހޭދަކުރާ ފައިސާގެ ސަބަބުން ސިއްހީ ނިޒާމު އޮތީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައަކަށް ވެފައި ކަމަށް މުއިއްޒު ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިއްހީ ނިޒާމަކީ ބޭސް ފަރުވާ ކޮށްދިނުމާއި އިމާރާތް އެޅުން އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ވަށައިޖެހޭ ކަންތައްތަކެއް ކޮށް، ސިޔާސަތުތަކެއް ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއްވެސް އަހަރެއްގައި ރައްޔިތުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ބަޖެޓުން ނުފުދި، ކޮންމެ އަހަރަކު އެ އަށް ފައިސާ އަޅަ އަޅައި ތިބެން ޖެހުމުގެ ސަބަބުން މުޅި ނިޒާމު ވަނީ ދައުލަތުގެ އިގްތިސާދަށް ބޮޑު ބުރައަކަށްވެފައި،

- ނާޒިމް

ނާޒިމް ވިދާޅުވީ ރައްޔިތުން އެދެނީ ސިއްހީ ނިޒާމަކީ އެންމެ ފައިދާ ހުރި ގޮތަކަށް، ހައްގުވެރި ފަރާތްތަކަށް ލިބޭ ނިޒާމަށް ވެގެން ދިއުން ކަމަށެވެ.

އެ ނިޒާމުގެ ސަބަބުން ގައުމުގައި ދެން ކުރަން ހުރި ކަންކަން ކުރުމަށް ގޮންޖެހުން ކުރިމަތިވެގެންދާން ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވަމުންގެންދަވާ ކަަަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރުން އާސަންދަ އިސްލާހު ކުރުމުގެ ނަމުގައި ރައްޔިތުންނަށް ކުރިން އާސަންދައިން ލިބެމުންއައި ގިނަ އެހީ ތަކެއް އަންނަނީ ކަނޑަމުން ނެވެ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާސަންދަ ނިޒާމުގެ ހިދުމަތް ލިބޭތާ 15 އަހަރު ވެފައިވާއިރު އެއްވެސް ވެރިކަމެއްގައި ކުރި ކަމެއް ނޫނެވެ.

މުއިއްޒުގެ ސިޔާސަތުގެ ސަބަބުން އާސަންދަ ލިބުމުގައި ރައްޔިތުންނަށް ދަތިވެ، އެކަމުގެ ކަންބޮޑުވުން ރައްޔިތުން މިއަދު އަންނަނީ ތަހައްމަލު ކުރަމުން ނެވެ.

އާސަންދަގެ ހަރަދު ބޮޑުވެ މާލީ ބުރަކަށް އާސަންދަ ވެއްޖެ ކަމަށް ސަރުކާރުން ބުނާއިރު މުއިއްޒު ސަރުކާރުން ބޭކާރު ސިޔާސީން ނަށް މުސާރަ ދޭން ކުރާ ހަރަދުން ދައުލަތަށް މާ ބުރަ ބޮޑު ކަމަށް މާލީ ތަޖުރިބާ ކާރުން އަންނަނީ ބުނަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved