މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މާފުށި ދާއިރާގެ މެންބަރު ރިޒާ ޖޭއެސްްސީގެ މެންބަރު ކަމުގެ ހުވާ ކުރެއްވުން. / ރައީސް އޮފިސް
ހަބަރު
ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާއިރު ޖޭއެސްސީއަށް ރިޕޯޓްކުރަން އަންގައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
18 ނޮވެމްބަރު 2024
މާލެ ސިޓީ

އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަނަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އަންގަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައި ބުނީ ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަންވާނެ ކަމަށް ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންވެ، ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު/ދާއިރާ ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ޖޭއެސްސީ އިން އިތުރަށް ބުނީ އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ގާޒިން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އަންގަން ޖެހެނީ ޖޭއެސްސީއަށް ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އަންގަން ޖެހޭއިރު، ހައި ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެ ކޯޓުގެ އިސް ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށްވެސް އެ ސާކިއުލާގައިވެ އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެ ކޯޓެއްގެ އިސް ގާޒީއަކަށް އަންގަން ޖެހޭއިރު ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ރަށުން ބޭރަށް ދާނަމަ އެކަން އެ ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް އަންގަން ޖެހެ އެވެ.

ޖޭއެސްސީން މިދިޔަ މަހު ވަނީ ފަނޑިޔާރުން އައްޔަން ކޮށްފައިވާ ދާއިރާއިން ބޭރަށް ކުރާ ދަތުރުތަކަށް އެ ކޮމިޝަންގެ ހުއްދަ ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންތައް ކުރާ މުއައްސަސާ އެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ އިތުރުން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ:

1- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

2-ކޮމިޝަންގެ ނައިބު ރައީސް، މުހައްމަދު ނިޔާޒު - ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

3- ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

4- އަލީ ޝަރީފް - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

5- މުހައްމަދު ނާސިހު -  ސިވިލް ސާވިސް ކޮމިޝަންގެ ރައީސް

6- އަހްމަދު އުޝާމް - ބަންޑާރަނައިބު

7- މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު

8- އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު

9- ޑރ. އާމިނަތު އުއްމުކުލްސުމް - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved