
ސަރުކާރާ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސްނީ މުބާރަކުގެ ވެސް ހިތްވަރެއް ހުރި ނަމަ ރާއްޖޭގެ ޖުޑިޝީއަރީ މިނިވަން ކުރަން ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.
އަލީ މިފަދައިން ގޮވާލައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނީ ސިޔާސީ ނުފޫޒެއް ނޯންނަ ގޮތަށް ކަމަށާއި، އެ ކައުންސިލް އެކުލަވާލުމުގެ ކުރިން ޝަރުއީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު ވިދާޅުވުމާ ގުޅިގެން އެކަމަށް ޗެލެންޖު ކުރައްވާ އަލީ ވިދާޅުވީ، ޖޭއެސްސީ މިނިވަން ނުކޮށް ޖުޑީޝަރީ މިނިވަނެއް ނުކުރެވޭނެ ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސަށް ޗެލެންޖު ކުރައްވާ އަލީ ވަނީ އެބޭފުޅުންގެ ކިބައިގައި ހިތްވަރެއް ހުރީވިއްޔާ އެކަން ކުރެވޭތޯ ބަލަން ގޮވާލައްވާފައވެވެ.
ޖުޑީޝަލް ކައުންސިލަކީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާ އެކު 2010 ވަނަ އަހަރު ވުޖޫދުވި ކައުންސިލެކެވެ. ނަމަވެސް، 14 މާޗު 2011 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކުން އެ ކައުންސިލް ވަނީ އުވާލާފައެވެ. މި ކައުންސިލަކީ ގާނޫނުއަސާސީގެ ދަށުން، ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓުތަކެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށާއި ކޯޓުތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އޭރު އެކުލަވާލި މުހިންމު އިދާރާއެކެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އޮތް ގޮތަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ކައުންސިލް އުވާލުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައި އޮތުމުގެ ސަބަބުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.










