ސްޓެލްކޯ އިން އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި މަސްފެންގަނޑު ހެދުމުގެ މަސައްކަތް ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައެވެ.
މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވި ހަފުލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
މި ހަފްލާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ ރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށާއި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި އެ ހިތްހަމަޖެހުން ގިނަ ބަޔަކަށް ލިބިގަންނާނެ ކަމަށެވެ.
މީގެ އިތުރުން 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް ސްޓެލްކޯއިން ހަވާލުވެ ކުރު މުއްދަތެއްގެ ތެރޭގައި އެތަން މަރާމާތުކޮށް އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި މިިނިސްޓަރު ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.