ރާއްޖޭގެ ޔުނިވާސިޓީތަކުން ކިޔެވުމުން ވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ދަރަޖަތަކެއް ވަރަށް އަވަހަށް ކަނޑައަޅަން ވިސްނާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ. މި މަހާސިންތާ ކުރިއަށް ގެންދަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވައިދެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިޒަމާނުގައި ކުރިމަތި ވެފައިވާ ޒަމާނީ ފިގުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއް ކަމަށެވެ.
ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ވެސް ދީނީ ނަސޭހަތް ނުދެވެނީ ބޭރުގެ ޔުނިވާސިޓީގެ ސަނަދެއް ނެތުމުން ކަމަށާއި ނަމަވެސް މަތީ ގްރޭޑުތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ދީނީ ނަސޭހަތް ދެވޭ ވަރުގެ އިލްމީ ގާބީލްކަން ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެންވެ މިކަންކަން ދަރަޖަކުރުމާމެދު ވިސްނަން ޖެހެނީ. މުޖުތަމައު ސަލާމަތް ކުރުމަށް. ސްކޫލް މާހައުލު އިސްލާމްދީނާ ގާތްކުރަން،
ރާއްޖޭގައި ވައުޒާއި އިރުޝާދައި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިހުތިރާމު ކުރާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެން ކަމަށާއި މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވާނެ ކަމަށެވެ.
މި މަހާސިންތާގެ މަގުސަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް، އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ އިސްލާމިކް މިނިސްޓަރީން ބުނެ އެވެ.