ގދ. ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް އޮފީހާ ދެކޮޅަށް އެ މައްސަލަ މިދިޔަ ބުރާސްފަތީގައި ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
އޭނަ ވިދާޅުވި ގޮތުގައި ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއަކަށް ޝަރުތު ހަމަވާ ކަންކަމަށް ރިއާޔަތްނުކޮށެވެ. އެގޮތުން ސިޓީއެެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީ އަށް އޮންނަން ޖެހޭ އިރު، އެ ޝަރުތި ތިނަދޫގައި ހަމަ ނުވާ ކަމަށް ރާގިބް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ. އެހެންވެ، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން ރާހިގް ހުށަހެޅި މައްސަލަގައި އެދިފައިވެ އެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގަ އެވެ.