ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުންގެ ވޯޓަކީ ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ނޮވެމްބަރު 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް ބޭނުން ކުރައްވައިގެން މިނިވަން މުއައްސަސަތަކުގެ "ކޮންޓްރޯލް" ނެންގެވިޔަސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ރާއްޖެ މިހާރު 30 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށާއި މީގެ 30 އަހަރުކުރިން ވެސް ކޮމިޝަންތަކަށް ބޭފުޅުން ހަމަޖައްސަވަނީ އޭރު ހުންނަވާ ރައީސަކު ކަމަށެވެ.

މި ސަރުކާރަށް ދެވޭނީ ނަޒާހަތްތެރިކަމުގެ މިންގަނޑުން ސުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ބޮޑުންގެ މައްސަލަތައް ވެސް އޭސީސީގައި އެބަ އޮތް ކަމަށެވެ.

އޭސީސީ އަޅުވެތިކޮށް ނިމުނީ. އިލެކްޝަންސް ކޮމިޝަން އަޅުވެތިކޮށް ނިމުނީ. މި ތަންތަނުގެ މަގާމުތަކަށް މީހުން ހަމަޖެއްސިޔަސް، ރައްޔިތުންގެ ވޯޓަކީ ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން. އެއީ ހީކުރުމަކީ ކުށް ހީއެއް،

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި ފައިސާ ހުރުމުން އަދި ސަރުކާރުގައި ނުފޫޒު އޮތީމައި ވަރަށް ގިނަ ކަންތައް ކުރެވިދާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބި، ގާނޫނު އަސާސީ ވެސް ބޭނުންވާ ގޮތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވޯޓަކަށް އެހުމުން ރައްޔިތުން ހިޔާރުކުރާ ގޮތް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ރައްޔިތުން އެންމެ އެނގެން ބޭނުންވަނީ މި ސަރުކާރުން ބަޖެޓާމެދު އަމަލުކުރި ގޮތް ކަމަށާއި އެކަން ވެސް ހާމަކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެވަޑައިގެންނެވި ކަމަށާއި، ވެވަޑައިގެންނެވި އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް ކަމަށް ވެސް ރައީސް ޔާމީން މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ތެދެކެވެ، މި ސަރުކާރުން ވެރިކަމަށް އައީ ދިވެހި ރައްޔިތުންގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެއަށް ވެސް ދޮގު ހަދައި އޮޅުވާލައިގެން ނެވެ. ވައުދުވީ ކަންތައްތައް އޮތްތާ އޮތީ އެވެ. މުއިއްޒު ވެރިކަމަށް އަންނަން ކީހާ ޅެން ފަރިއްސަވެ ނިމުނީ ނޫންހޭ ސުވާލު އުފެއްދުމުގެ ފުރުސަތު މިއަދު އެބަ އޮތެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved