March 11, 2026
Advertisement
މިނިސްޓަރު އިހްސާން
މިނިސްޓަރު އިހްސާން / ރައީސް އޮފިސް

ނަތަންޔާހޫ ހައްޔަރުކުރަން ކެރޭނެ ކަމަށް ބުނެ މިނިސްޓަރު އިހްސާން ކުރެއްވި ޓްވީޓް ޑިލީޓް ކޮށްފި..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 29, 2024, 06:49 PM
މާލެ ސިޓީ

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސަހްޔޫނީންގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޔޮއޭވް ގަލަންޓް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރު ތަންފީޒު ކޮށް ރާއްޖެ އައުމުން ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރާނެ ކަމަށް ވިދާޅުވެ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި އެވެ.

Advertisement

މިކަމާއި ގުޅުގެން އާންމުންގެ ގިނަ ފާނޑުކިޔުން ރައީސް ޑރ. މުއިއްޒުއަށާއި އިހްސާނަށް ވަނީ އަމާޒުވެފަ އެވެ. އަދި ސަހްޔޫނީން ޕާސްޕޯޓް މަނާ ކުރައް ނުކެރި ބިރުން އުޅޭ ސަރުކާރަކަށް ނަތަންޔާހޫ ހައްޔަރު ކުރެވިދާނެތީ އާންމުން އަންނަނީ ސުވާލު ކުރަމުންނެވެ.

އަދި އިހްސާން ނަތަންޔާހޫއާއި ދެކޮޅަށް ކުރެއްވި ޓްވީޓް ޑިލީޓް ކުރެއްވުމުން މި ބޭފުޅުންގެ ހިޔަޅު ވިސްނުމުގައި ސަހްޔޫނީންގެ ސަރުކާރާއި ރައީސް މުއިއްޒުގެ ސަރުކާރާއި އޮންނަ "ސިއްރު ގުޅުން" ހާމަ ވެއްޖެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.

އިހްސާން ނަތަންޔާހޫއާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓް ޑިލީޓް ކުރެއްވުމަށް ފަހު ވިދާޅުވީ އެ ޓްވީޓް ޑިލީޓް ކުރީ "ހެޔޮއެދޭ މީހުން" ބުނެގެން ކަމަށެވެ.. އެއީ ކޮން ބައެއް ކަމެއް އިހްސާން ހާމައެއް ނުކުރައްވަ އެވެ.

ސަހްޔޫނީން ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ މައްސަލައިގައި މި ސަރުކާރުން މިހައިތަނަށް އަމަލުކޮށްފައިވާ ގޮތުން އަދި ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް، ރައްޔިތުންގެ މަޖިލީހުގައި އެ ބިލު ހިފަހައްޓާފައި އޮތުމުގެ ސަބަބުން، ފަލަސްތީނުގެ މައްސަލައިގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ވެރިން ދައްކަމުންދާ ވާހަކަތަކުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދެ އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާ ބެހޭ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އަންނަނީ ސަރުކާރުން ބޭނުންވާ ބިލުތައް އެއް ދުވަސްތެރޭވެސް ނިންމާ ފާސްކުރަމުން ނެވެ.

މިފަދަ "ޗޯރު" ކަންކަން ސަރުކާރުން ކުރާތީވެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މި ސަރުކާރަށް އެއްވެސް ކަމެއް ކުރަން ކެރިދާނެތޯ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިއަދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި މިސަރުކާރުގެ ވެރިންގެ ހިތްތަކުގައި ފަލަސްތީނުގެ މުސްލިމުންނާއި މެދު ރަހުމެއް ނެތް ކަމަށް ދަނީ އާންމުން ބުނަމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved