ލުބްނާނަށް ދެމުން އަންނަ ހަމަލާތައް ސަހްޔޫނީން ހުއްޓާލުމުން ކާމިޔާބު ހޯދުނުކަން ހިޒްބުﷲ އިން އިއުލާންކޮށްފި އެވެ.
ސަހްޔޫނީން މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި 3،768 މީހުން ވަނީ ޝަހީދުވެފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ސަހްޔޫނީން ދިން ހަމަލާތަކުގައި 30 މީހަކު ވަނީ ޝަހީދުވެފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲ އިން ވެސް ވަނީ ސަހްޔޫނީނަށް ހަމަލާތައް ދެމުންނެވެ.
ހަނގުރާމަ ހުއްޓާލި ފަހުން ފުރަތަމަ ފަހަރަށް ދެއްވި ތަގްރީރުގައި ހިޒްބުﷲ ގެ ލީޑަރު ވިދާޅުވީ ﷲ ގެ ތަނަވަސް ރަހްމަތާއެކުގައި ހިޒްބުﷲ އަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. ނާއިމް ވިދާޅުވީ 2006 ވަނަ އަހަރު ހިޒްބުﷲ އިން ސަހްޔޫނީންއާ ދެކޮޅަށް ކުރި ހަނގުރާމައަށް ވުރެ މާ ވަރުގަދަ ހަނގުރާމައެއް މިދިޔަ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކޮށްފައިވާ ކަމަށެވެ.
އަހަރުމެން މޮޅުވީ ސަހްޔޫނީނަށް ހިޒްބުﷲ އެއްކޮށް ނައްތާލަން ފުރުސަތު ނުދިނުމުން. މި ކާމިޔާބީ 2006 ގައި ލިބުނު ކާމިޔާބީއަށްވުރެ ބޮޑު،
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަސް ތެރޭގައި ލުބްނާނުގައި ތިބި ސަހްޔޫނީން ސިފައިން އެ ގައުމުން ބޭލުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް ސަހްޔޫނީން ހަނގުރާމަ ހުއްޓާލުމަށްވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު ލިތާނީ ކޯރުގެ އުތުރަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ވެސް ލުބުނާނުގެ ސިފައިންނާއި ހިޒްބުالله އިން ވަނީ ތުހުމަތުކޮށްފަ އެވެ.
ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ ލުބުނާނާއި ސަހްޔޫނީންގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކަށް މީހުން އެނބުރި ދިއުމަށް ހުރަސް އަޅައި، އެ ރަށްރަށުގެ މީހުންނަށް އަމާޒުކޮށް ފާއިތުވެދިޔަ ދުވަސްތަކުގައި ހަމަލާތައް ދީފަ އެވެ.
ހަނގުރާމައިގެ މިފަދަ އެއް ބަސްވުން ތަކަށް ސަހްޔޫނީން އަބަދުވެސް ހިލާފުވާ ބައެކެވެ. ސަހްޔޫނީން އަކީ އެމީހުންގެ ބަހުގައި އިތުބާރެއް ނެތް އަމަލުގައި ގޮތް ދެއްކުން ބޮޑު މުނާފިގު ބައެކެވެ.