ތުއްތު އެބުނާ ކައްޒާބަކީ ކާކު..؟ / ތޭރަ އޮންލައިން
ސިޔާސީ, ރިޕޯޓު
ތުއްތު އެބުނާ ކައްޒާބު އަކީ ކާކު..؟ ކައްޒާބަށް ގެއްލުމެއް ދޭން ތުއްތު އުޅޭ ވާހަކަ ބުނަން މަ ބޭނުމެވެ.!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ނޮވެމްބަރު 2024
މާލެ ސިޓީ

ހަފްތާ ބަންދު ވީމާ މި އުޅުނީ ކުޑަކޮށް "ގެވެށި" ކޮށެވެ. ފޯނާ ވެސް ކުޑަކޮށް ދުރުގައި ގޭތެރޭގެ މަސައްކަތުގައި އެވެ. ސާފުކުރާށެވެ. އަންހެނުންނަށް "ހެލްޕް" ވާށެވެ. މި ވީކެންޑްގައި ނިންމަން ހިތުލައިގެން ހުރި މަސައްކަތް ގިނަ ކަމުން ހެލްޕަރަކަށް އެކުވެރި "ސިޔާސަ" ރަހުމަތްތެރިއަކު ވެސް މިއަދު މިއުޅެނީ ގެއަށް ގެނެސް ގެންނެވެ.

ފޮޅާ ސާފުކުރުމާއިއެކު ހިރަފުހުގެ ތެރޭ އުޅުމަށްފަހު ބެލްކަންޏަށް ނިކުތީ ލިބުނު ކޮފީ ބްރޭކް އަކަށެވެ. އެކުވެރިޔާ ވެސް ގޮވައިގެން ނެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް އަޅުގަނޑުގެ ނަޒަރު ހުއްޓިފާ ހުއްޓާ އެކުވެރިޔާ ދައްކާލީ އޭނާގެ ފޯނުން ޕޮލިސް ޗިޓެކެވެ. އަނެއްކާވެސް ފުލުހަށް ދާން ކީ ދޯ އޭ ބުނެ ސުވާލުކުރީ މެވެ. ޖަވާބުގައި އެކުވެރިޔާ ބުނީ ނަސީބަކުން މިފަހަރު އޭނާ ނޫން ކަމަށެވެ. ނަމަވެސް އޭނާ ދަންނަ މީހެއް ކަމަށެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ބިލާލު އަބްދުލް ހާދީ ސޮއިކޮށްފައިވާ ޗިޓުގައި ބުނެފައިވަނީ "24 ނޮވެމްބަރު ދުވަހުގެ 1:14 ގައި @ޗާލީ_ތުއްތު ހޭންޑްލް އިން ހަޑިހުތުރު ބަސް ބޭނުން ކޮށް ބިރުވެރިކަން އުފެދޭ ގޮތައް އެކްސް ގައި ޕޯސްޓެއްކޮށްފައިވަ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް" ކަމަށެވެ.

ޗިޓުގައި 4 ގަޑިއިރު މިކަމަށް ހޭދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، 1 ޑިސެމްބަރު 2024 ވަނަ ދުވަހުގެ މެންދުރު 1:30ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވެ ސާޖެންޓު އަބްދުﷲ ސާޖިދު އާ ބައްދަލު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) އަށް ފުލުހުން ފޮނުވި ޗިޓު ގައި ބުނެފައިވެ އެވެ.

ތެދެކެވެ. އެއް ވެސް މީހަކަށް ބިރުދައްކާ އިންޒާރު ދީ ހަދައިގެން ނުވާނެ އެވެ. އެކަމަށް ހުދު އަޅުގަނޑުގެ ސިޔާސަ އެކުވެރިޔާ ވެސް އެއް ބަހެވެ. އަދި މީހަކު އިންޒާރެއް ދީފިނަމަ ސަމާލުވާން ވެސް ޖެހެ އެވެ. އެކަން ފުލުހުންނަށް ރިޕޯޓް ވެސް ކުރުން މޮޅު އިތުރެވެ.

ކޮންމެއަކަށް ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ކުރި ޕޯސްޓާއި ގުޅިގެން ފުލުހަށް އޭނާ ހާޒިރުކުރާތީ އާންމުންގެ މެދުގައި އޮތީ ހިޔާލު ދެކަފިވެފަ އެެވެ. އެއް ބަޔަކު ތުއްތު ދިފާއުގައި އޭނާ އެކްސްގައި ކުރި ޕޯސްޓު، އަލުން ރިޕޯސްޓުކޮށް ޝާފިއު ލިޔުނު ގޮތަށް އަންނަނީ ލިޔަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ ހިޔާލުފާޅުކުރުން ނުހުއްޓުވޭނެ ކަމަށް ގޮވާލަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާފިއު ކުރި ޕޯސްޓުގައި "މީހަކަށް ނިސްބަތްކޮށް" އެމީހަކު މަގުމަތިން ފެނުމުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް ލިޔެފައި އޮތުމުން، އެކަމުގެ ތަފްސީލު ހޯދާ ސާފުކުރުމަކީ އިދާރާތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އާއެކެވެ. އަދި އެކަން ސާފުކޮށް ތުއްތު އިންޒާރު ދިން މީހާއަކީ ކާކުކަން ދެނެގަންނަން ވެސް ވާނެ އެވެ. އެހެން ނޫނީ އެމީހަކަށް ނޭގިހުއްޓާ އަނިޔާއެއް ވެސް ލިބުން ގާތެވެ.

ކޮންމެ އަކަސް ތުއްތު ކުރި ޕޯސްޓުގައި "ކައްޒާބު" އޭ ލިޔެފައިވާއިރު، އެ ނަން ނިސްބަތް ކުރަނީ ސީދާ ކާކަށް ކަން އެނގޭކަށް ނެތެވެ. ފުލުހުންގެ ތަހުގީގުން މިކަން ސާފުވެ ތުއްތު އެބުނާ "ކައްޒާބު" އަށް ފުލުހުން ހައި ސެކިއުރިޓީވެސް ދިނުން މުހިއްމެވެ. އަދި ތުއްތު އެބުނާ "ކައްޒާބު" އަވަހަށް ދެނެގަނެވިއްޖެ ނަމަ ހުދު އަޅުގަނނޑުވެސް "ކައްޒާބު" އަށް ގުޅާ ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް ބުނާނަމެވެ.

ސުވާލަކީ.. ތުއްތު އެބުނާ "ކައްޒާބު" އަކީ އަޅެ ކާކު ހެއްޔެވެ..؟!

ތިޔަބޭފުޅުންނަށް ވެސް "ކައްޒާބު" އިނގޭނަމަ އަވަހަށް ގުޅާ ތުއްތު އެފަދަ ޓްވީޓެއް ކުރި ވާހަކަ ބުނެ ދޭށެވެ. މީހުނަށް އިންޒާރު ދިނުމަކީ ނާތަހުޒީބު ކަމެކެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved