ހިޒްބުﷲ ޖަމާއަތުން ސަހްޔޫނީންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދޭން ފެށުމުން، ހިޒްބުﷲ ހަނގުރާމަވެރިންނަށް އަމާޒުކޮށް ލުބްނާންގެ އަވަށްތަކަށް ސަހްޔޫނީން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ގެދޮރު ދޫކޮށް ދިޔަ ދެކުނު އަވަށްތަކުގެ ވަޒަންވެރިން އެނބުރި އެ މީހުންގެ އަމިއްލަ ގެއަށް ދިއުން ސަހްޔޫނީން މަނާކޮށްފި އެވެ.
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނެސްފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އުދުވާން ހިންގުން ހުއްޓައިލުމާ އެކު، ގެދޮރު ނެތިފައިވާ މީހުން ވަނީ އަމިއްލަ ގެދޮރަށް ދިޔުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް، ސަހްޔޫނީން ބުނީ، ލުބްނާނާއި ޔަހޫދީ ދައުލަތް ގުޅޭ ސަރަހަދީ ރޮނގު ކައިރީގައި އޮތް ބައެއް އަވަށްތަކުގެ ރައްޔިތުން އެނބުރި ގެދޮރަށް ދިޔުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ސަހްޔޫނީން އަންނަނީ ބުނަމުން ނެވެ.
ސަހްޔޫނީންގެ އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަދުރާއީ ބުނީ ގޮތުން ސަހްޔޫނީންނާއި އިންވެގެން ހުރި އަވަށްތަކަށް އާންމު ރައްޔިތުންނަށް އަދި ނުވަދެވޭނެ އެވެ.
އޭނާ ބުނީ ސަހްޔޫނީންގެ އަސްކަރީ ބާރުތައް އެ ސަރަހައްދުތަކުގައި ގާއިމުވެ އެބަތިބި ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަސް ތެރޭގައި ލުބްނާނުގައި ތިބި ސަހްޔޫނީންގެ ސިފައިން އެ ގައުމުން ބޭލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ސަހްޔޫނީން ލުބްނާނަށް ދެމުން ދިޔަ ހަމަލާތަކުގައި 3،961 މީހުން މަރުވެފައިވާއިރު، 16،520 މީހުން ވަނީ ޒަހަމްވެފަ އެވެ.
ސަހްޔޫނީންގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ ސަހްޔޫނީންގެ އުތުރުގެ އަވަށްޓެރި ލުބްނާނުގައި ހިޒްބުاللهއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުން ސަހްޔޫނީންގެ ދިފާއީ ބާރަށް "އީރާނުގެ ނުރައްކަލަށް" ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.