ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި ތިބީ ވައްކަން ކުރަން ފެންބޮވައިގަނެފައި ތިބި ވެރިންކަމަށް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ސަރުކާރު ޕްރޮމޯޓު ކުރުމަށް ހުޅުވި އެމްެއެމްޓީވީ ހިންގާ އިމާރާތަށް ދައްކަން ޖެހޭ ކުޅިގެ ބައެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދައްކާކަމަށް އަޑުތައް ގަދަވެފައި ވަނިކޮށް އެކަން ދޮގުކޮށް އެންސްޕާއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ޕީއެންސީގެ އަމާޒު ހުރީ ގައުމު ދަވާލަން ކަމަށާ އެހެންކަމުން ރައްޔިތުންގެ ބާރު ދައްކަންޖެހޭކަމަށެވެ. މީގެ އިތުރުން ލިޔެކިޔުންތަކުން ހާމވާ ފަދައިން އެކަމަކީ ތިޔައީ ވަރަށް ސާފުކޮށް ހިންގާފައިވާ ޣައިރު ގާނޫނީ އަމަލެއްކަމަށާ ކޮރަޕްޝަނެއް ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ޙަވާލުވި ހިސާބުން ޕީއެންސީ ބޮޑުންގެ ތެރޭގައި އޮތީ ކޮރަޕްޝަނުގެ ވާދަވެރިކަންކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ އިބްލީހުން ވެސް އެކަކު އަނެކަކަށް ވުރެ ކުށްތަކުގައި ވާދަކޮށް، ބޮޑު އިބްލީސްގެ ރުހުން ހޯދާ ފަދައިން ރައީސް މުއިއްޒުގެ ރުހުން ހޯދުމުގައި ޕީއެންސީގެ ވެރިން ތިބީ ވާދަވެރިކަމުގެ ރޭހެއްގައި ޣާފިލުވެފައި ކަމަށެވެ.
ޕީއެންސީ ތެރޭ މުޅިންހެން ތިބީ ވައްކަމަށް ފެންބޮވައިގެންފައި ތިބި ބައެއް. އަމާޒު ހުރީ ގައުމު ދަވާލަން. ރައްޔިތުންގެ ބާރު ދައްކަންޖެހޭ! ތިޔައީ ވަރަށް ސާފުކޮށް ހިންގާފައިވާ ޢައިރު ގާނޫނީ އަމަލެއް. ކޮރަޕްޝަނެއް. ގާނޫނީ ކުށެއް! @MMuizzu ވެރިކަމާ ޙަވާލުވި ހިސާބުން ޕީއެންސީ ބޮޑުންގެ… pic.twitter.com/j9xZ7JrRjC
— Mohamed Jameel Ahmed (@MJameelAhmed) December 1, 2024
ނަމަވެސް ކުށްކޮށްގެން ސަލާމަތް ނުވެވޭނެ ކަމަށާ އެހެންކަމުން ރައްޔިތުންގެ ފައިސާއިން ޚިޔާނާތް ހިންގާފައި، އޭސީސީ އަތްދަށުލައި ފުރައްސާރަ ވާހަކަ ދައްކަން ތިއްބާ ގަޑި ޖެހޭނެކަމަށާ މަކަރުވެރި ރޭވުންތައް الله ތަޢާލާއަށް ސިއްރު ނުކުރެވޭނެއިރު ރައްޔިތުންގެ ދުޢާއަށް ބިރުގަތުމަށް ވެސް ޑރ ޖަމީލު ސަރުކާރުގެ ވެރިންނަށް ގޮވާލައްވާފައެވެ.
ހަމައެހެންމެ ފަގީރުކަމާއި ފޯރުންތެރިކަން ނެތި ރައްޔިތުން ބިކަ ވެފައިވަނިކޮށް، އެ ރައްޔިތުންނަށް ޚިދުމަތްދޭން ހުރި ތަންތަނުން ވައްކަންކޮށް، އެފައިސާއިން ރައީސް މުއިއްޒުގެ ޓީވީ ހިންގާއިރު، ރޭގަނޑު ހޭލާތިބެ، އެ ޖަރީމާތަައް ހާމަކޮށް، ވަަައްކަން ހިންގާ ފަރާތްތައް ބޭޒާރުކޮށް ނިކަމެތި ކުރައްވާ، ޙައްގު އަދަބު ދެއްވުން އެދި ދުޢާކުރާ ރައްޔިތުންގެ ދުޢާއަށް ބިރުވެތިވެ ލެއްވުމަށްވެސް ރ ޖަމީލު ވަނީ ސަރުކާރުގެ ވެރިންނަށް ގޮވާލައްވާފައެވެ.
އަދި އަދުގެ ވެރިންވެސް ގާނޫނޫގެ ކުރި މައްޗަށް ޙާޟިރުކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދުމަކޮށްދެއްވާ ޑރ ޖަމީލު ވަނީ މިހާރު ވެރިން ހިންގަމުންދާ ޖަރީމާތައް ބެލޭނެކަން ހަނދާންކޮށްދެއްވާފައެވެ. އިންސާފު ގާއިމް ކުރެވޭނެކަމާ ބަންގްޅަދޭޝްެ ކުރީގެ ބޮޑު ވަޒީރު ޙަސީނާގޮތަށް ނިކަމެތިވާނެ ކަމަށާ އެންމެ ކަރުނަ ތިއްކެެއް ބާލާނެ މީހަކު އެދުވަހަކު ނުވާނެކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ. އެދުވަހަކު މަޖާވެ ހެވިފައި ނުހުންރެވޭނެ ކަމަށް ވެސް ޑރ ޖަމީލުވަނީ ވެރިންނަށް ވިދާޅުވެފައެވެ.