ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮންނަ ބާރުތަކަށް އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ހޫނު ބަހުގެ ހަމަލާއެއް ރައީސް ޑރ. މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.
އެގޮތުން މިއަހަރަށް މަޖިލީސް ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވުމުން އަސްލަމް ވަނީ ރައީސަށް ނުސީދާ ރައްދެއް ދެއްވާފައެވެ.
ބަޔާން އިއްވުމަށްފަހު އެންމެ ފުރަތަމަ އަސްލަމް ވިދާޅުވީ ރައީސް ބަޔާނުގައި ފާހަގަކުރި އެންމެހާ ކަންކަމަށް މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ނަމަވެސް ކަނޑައެޅިފައިވާ ތަރަހައިގައި، ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ ތެރެއިން ދައުލަތުގެ އެއްބާރުން ނިންމާ ނިންމުންތަކަށް އަނެއް ބާރުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވެ އަސްލަމް ވަނީ ބަހުގެ ހަމަލާތަކެއް ރައީސް މުއިއްޒަށް އަމާޒުކުރައްވާފައެވެ.
ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމު ކޮށްފައި ވާއިރު، ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއް. ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަން ޖެހޭ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެންދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން
ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ބޭއްވި މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް "ހުރި ވަރު ދައްކައިގެން" ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ.
މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ ހުރި ވަރުދައްކައިގެން ލިބޭނެ ހެވެއް [އަދި] މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވެސް ވިސްނަވާ ވަޑައިގަތުމަށް އިލްތިމާސްކޮށް ދަންވަން ދަންނަވަން.
އަސްލަމް މިހެން ވިދާޅުވިއިރު މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ހިފާ މަޖިލީސް ނިމޭން ދެތީން މަހަށް ވެފައި ވަނިކޮށް އަދި ރައްޔިތުންގެ ވޯޓުން ފަސް އަހަރަށް އިންތިހާބު ކުރި ސަރުކާރަށް ދެތީން މަސް ނުވަނީސް ރައީސް މުއިއްޒު އަޒުލު ކުރެވޭނެ ގޮތެއް އެމްޑީޕީން ދަނީ ހޯދަމުންނެވެ.
މީގެ އިތުރުން މަޖިލީހުގެ އިހުތިޞާސުގެ ތެރެއަށް ވަދެގަނެގެން ސަރުކާރުންވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.
މަޖިލީހުން ރުހުން ނުދިން ވަޒީރުން މިއަދު ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ވަޑައިގަންނަވާތީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.