ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާ މޯލްޑިވިސް މީޑިޔާ ހައުސް (އެމްއެމްއެޗް)ގެ މައްޗަށް މޯލްޑިވިސް މަނިޓަރީ އޮތޯރިޓިއިން އެސްޓީއާރު ނެރެން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ދާދި ފަހުން ތިލަވެގެން އުޅޭ އެންސްޕާގެ އެއްބަސްވުމެއްގެ މައްސަލައަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާ މޯލްޑިވިސް މީޑިޔާ ހައުސް (އެމްއެމްއެޗް)އާ ގުޅިގެން ހިންގާފައިވާ މަނީ ލޯންޑަރ ކުރުމުގެ ހަރަކާތެއް ކަމަށާ އެކަން ސާފުކޮށް ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެގޮތުން އެ މުއާމަލާތް ކުރި ޗެކުގެ މައުލޫމާތަކީ އެމްއެމްއޭއަށް ވަންނާނެ ޗެކެއްކަމަށާ އެހެންކަމުން އެމްއެމްއޭއަށް އެކަން ނޭނގި ނޯންނާނެ ކަމަށްވެފައި އެކަމުގައި ގަވަރުނަރު ޑރ އަހުމަދު މުނައްވަރުއާ އަދި އެމްއެމްއޭގެ އިސްވެރިން ހަނު ތިބުމަކީ އެކަމުގެ ހައްލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްއެމްއޭގައި އަބަދުވެސް އޮންނާނެ އުސޫލު މަނީ ލޯންޑަރިން ކޮންޓްރޯލު ކުރާ ފުރަތަމަ ފްރޮންޓޯރިއާ އަކީ އެމްއެމްއޭ އާ ބޭންކުތައް. މާޗެންޓު ބޭންކުތަކުން ނުވަތަ ރީޓެއިލް ބޭންކުތަކުން ރިފަރ ކުރަންވާނެ އެމްއެމްއޭއަށް. އެމްއެމްއޭއަށް ހަމަ ނުކުންނަ ހިސާބުން ޕޮލިޓިކަލީ އެކްސްޕޯސް ޕާސަންސް 2 ލައްކަ ރުފިޔާއަށް ވުރެ މަތީ މުއާމަލާތެއް ކަމުގައި ވަންޏާ އެމްއެމްްއޭއިން ވާނެ ބަލަން. ބަލާފަ އެމްއެމްއޭއިން ވާނެ އެސްޓީއާރެއް ނެރެން. ކޮބައިތޯ އެމްއެމްއޭ. އެމްއެމްއޭ އެ އޮތީ ހަނު. މިއި މަނީ ލޯންޑަރިންގެ ހަރަކާތެއް. އެމްއެމްއޭއާ ހަމައަށް މި ޗެކު ދާނެ. މުނައްވަރު މިޔަށް އެޓެންޑްވާން ޖެހޭ. އެސްޓީއާރު ނެރެން ޖެހޭ އެބަ އެންސްޕާގެ މައްޗަށް. ފުލުހުން މި ތަހުގީގުކުރަން ޖެހޭ. ހަމަ އެސްޓީއާރު އެބަ ޖެހޭ މޯލްޑިވްސް މީޑިޔާ ހައުސްގެ މައްޗަށް ވެސް ނެރެން
ރައީސް ޔާމީން ވިދާޅުވީ، މިއީ ގާނޫނީ ހުކޫމާތު ދަމަހައްޓަން ކުރަން ޖެހޭ ކަމެއް ކަަމަށެވެ. ނަމަވެސް މިހާރު މި ގައުމުގައި ސަރުކާރުން ގާނޫނު ދަމަހައްޓަން މަސައްކަތްކޮށް ރޫލު އޮފް ލޯ ޕްރެކްޓިސް ކުރާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.