ކޮކާކޯލާ ކުންފުނި ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވެފައިވަނީ އެކުންފުނީގެ ފްލެގްޝިޕް ޕްރޮޑަކްޓް ކޮކާކޯލާ، ކާބޯނޭޓެޑް ސޮފްޓް ޑްރިންކެއްގެ ގޮތުގައެވެ. ޖޯޖިއާގެ އެޓްލާންޓާގައި 1886 ވަނަ އަހަރު ޖޯން ސްޓިތު ޕެމްބާޓަން އުފެއްދި މި ބްރޭންޑަކީ އޭގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑްއެވެ.
ސޮފްޓް ޑްރިންކްސް، ޖޫސް، ފެން އަދި ސްޕޯޓްސް ޑްރިންކްސް ފަދަ ތަފާތު ބުއިންތައް ކޮކާކޯލާ އިން އުފައްދާއިރު، 200 އަށް ވުރެ ގިނަ ގައުމުގައި ކޮކާކޯލާ އިން އަންނަނީ ހިދުމަތް ދެމުންނެވެ. ވަރުގަދަ ބްރޭންޑް އައިޑެންޓިޓީއަކާއި މާކެޓިންގައި އިނޮވޭޝަންގެ ދިގު ތާރީހެއް އޮތް ކޮކާކޯލާ އަކީ ދުނިޔޭގެ ބެވަރޭޖް އިންޑަސްޓްރީގެ ލީޑަރެކެވެ.
1968 ވަނަ އަހަރުން ފެށިގެން ކޮކާކޯލާ ކުންފުނީގެ ބްރާންޗެއް ހިންގަމުން އަންނަ ސަހްޔޫނީންގެ ގައުމުގައި ކޮކާކޯލާގެ ދައުރު ވަރަށް ބޮޑެވެ. އެ ކުންފުނިން އެ ކުންފުނީގެ ބުއިންތައް ލޯކަލްކޮށް އުފައްދައި ވިއްކަނީ ސަހްޔޫނީންގެ ކޮކާކޯލާ ބޮޓްލިން ކުންފުންޏާއި ގުޅިގެންނެވެ. ކޮކާކޯލާ ސަހްޔޫނީންގެ ގައުމުން ވެސް ދިވެހި ރަހައަށް ފެތޭ ވަރަށް ގިނަ ބާވަތްތައް މާކެޓް ކުރާއިރު އޭގެ ތެރޭގައި ސޮފްޓް ޑްރިންކްސް، ފެން އަދި ޖޫސް ހިމެނެ އެވެ.
ފާއިތުވި އަހަރުތަކުގައި ކޮކާކޯލާއަކީ އެ ގައުމުގައި މަގުބޫލު ބްރޭންޑަކަށް ވެ، އެ ގައުމުގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދީ، އުފެއްދުންތެރިކަމާއި ޑިސްޓްރިބިއުޝަންގެ ދާއިރާއިން އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ ބްރޭންޑަކަށް ވަނީ ވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހު ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީންގެ ހިންގަމުން އަންނަ ލާއިންސާނީ ގަތުލުއާންމުގައި ކޮކަ ކޯލަ ކުންފުނިން ވަނީ ސަހްޔޫނީންގެ މި އަމަލުތަކަށް ތާއީދުކޮށް، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވާހަކަދައްކާފައެވެ.
މިކަމާއި ގުޅިގެން ކޮކާކޯލާގެ ކުންފުނީގެ ވިޔަފާރިއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ހިޔާލު ތަފާތުވުންތައް ވަނީ އަމާޒުވެފައެވެ. ކުންފުންޏެއްގެ ހައިސިއްޔަތުން ކޮކާކޯލާއިން ސަހްޔޫނީންގެ އަސްކަރީ ފިޔަވަޅުތަކަށް ސީދާ ތާއީދު ކޮށްފައި ނުވި ނަމަވެސް، ސަހްޔޫނީންނަށް ނުސީދާ ގޮތުން ތާއީދުކުރާ ކަމަށް ތުހުމަތު ކުރެވެނީ އެ ގައުމުގައި ޒަމާނުއްސުރެ ހިންގަމުން އަންނަ އޮޕަރޭޝަންތަކާއި ލޯކަލް ބޯޓާލަރުންނާ އެކު އެ ކުންފުނިން ހިންގާ ޕާޓްނާޝިޕްގެ ސަބަބުންނެވެ.
މީގެ އިތުރުން، މި ހަނގުރާމައަށް 427 ދުވަސްވެފައިވާއިރު، ޚާއްސަކޮށް ހަނގުރާމައިގެ ދުވަސްވަރު، އެ ގައުމުގައި ކޮކާކޯލާ ދެމިއޮތުމަކީ، ސަހްޔޫނީންގެ ދައުލަތަށް އިގްތިސާދީ ގޮތުން ލިބޭ އެއްބާރުލުމެއްގެ ގޮތުގައި ދިރާސާ ކުރާ ފަރާތްތަކުުން އަންނަނީ ދެކެމުންނެވެ.
ކޮކާކޯލާއިން ސަހްޔޫނީންގެ ގައުމުގައި ހިންގާ ވިޔަފާރީގެ ހަރަކާތްތަކާ ގުޅިގެން ދުނިޔޭގެ ގިނަ މުސްލިމް މުޖުތަމައުތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ބޮއިކޮޓް ހަރަކާތެއް ފަށައިފަ އެވެ. ބޮއިކޮޓް ކުރަން ޖެހުނީ ކޮކާކޯލާއިން ސަހްޔޫނީންނަށް ތާއީދު ކުރާތީ، އެ ގައުމުގައި، ވަކިން ހާއްސަކޮށް ހަނގުރާމައިގެ ދުވަސްވަރު، އެ ގައުމުގައި އެ ކުންފުނީގެ ބައިވެރިވުމާއި ޕާޓްނާޝިޕްތައް ދެމިއޮތުމުންނެވެ.
ފަލަސްތީނަށް ވަކާލާތު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ސަހްޔޫނީންގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާކަން ހާމަކުރުމުގެ މަގެކެވެ. މި ހަރަކާތަކީ ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ކުންފުނިތަކުން ކުރާ ކަންކަމަށް ޖަވާބުދާރީ ކުރުވައި، އިންސާފާއި އިންސާނީ ހައްގުތަކަށް ޓަކައި ސްޓޭންޑެއް ނެގުމަށް ވިޔަފާރިތަކަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ފުޅާ ކެމްޕޭނެއްގެ ތެރެއިން ކުރިއަށް ގެންދަމުންދާ ހަރަކާތެކެވެ.
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގިނަ މުސްލިމް މުޖުތަމައުތަކާއި ސަޕޯޓަރުން އިސްނަގައިގެން ކޮކާކޯލާއާ ދެކޮޅަށް ކުރިއަށް ގެންދާ ބޮއިކޮޓް ހަރަކާތުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި އެ ކުންފުނީގެ އަގުވައްޓައި ވިއްކުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.
ދުނިޔޭގެ ފެންވަރުގައި ކޮކާކޯލާއިން ވަރުގަދަ ކާމިޔާބީއެއް ހޯދަމުން ދިޔަ ނަމަވެސް، މި ހަރަކާތުގެ ސަބަބުން ގިނަ ބަޔެއް ހޭލުންތެރިކަން އިތުރުވެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ބައެއް ގައުމުތަކުގައި، ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުގައި އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ސަބަބުން ކަސްޓަމަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި، އެ ކުންފުނީގެ ހާލަތު އަލުން ބެލުމަށް ކޮކާކޯލާއަށް ޕްރެޝަރު ވެގެން ދިޔައެވެ.
މީގެ އިތުރުން، ކޮކާ ކޯލާ ކުންފުނި، ތިން ވަނަ ކުއާޓަރުގައި ދުނިޔޭގެ ބާޒާރުގައި ވިއްކާ މިންވަރު ފަސް ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ 9.7 ބިލިއަން ޑޮލަރަށް ވުރެ 9.2 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ތިން ވަނަ ކުއާޓަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮއިކޮޓް ކުރުމުގެ ސަބަބުން ކޮކާކޯލާގެ ވިއްކާ މިންވަރު ދަށަށް ގޮސްފައިވާއިރު، ބައެއް ރިޕޯޓުތަކުން ވަނީ މުހިންމު މާކެޓްތަކުން ލިބޭ އާމްދަނީ ދަށަށް ދާނެ ކަމަށް ބުނެފަ އެވެ. މި ދަށަށް ދިއުމުގެ ސަބަބުން ކުންފުނީގެ މާކެޓް ހިއްސާއަށް، ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުގައި، ބޮއިކޮޓްގެ ސަބަބުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.. އޭގެ ނަތީޖާއަކީ ކޮންސިއުމަރ ލޯޔަލްޓީ ދަށްވެ، ސަހްޔޫނީންގައި ހިންގާ އޮޕަރޭޝަންތަކަށް ބަލާ މިންވަރު އިތުރުވެ، ސިޔާސީ ގޮތުން ނާޒުކު ސަރަޙައްދުތަކާ އެކު އެ ކުންފުނިން ކުރާ މަސައްކަތްތައް އަލުން މުރާޖަޢާކުރަން މަޖުބޫރުވެގެން ދިޔުމެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި އެކްޓިވިސްޓް ގްރޫޕްތަކުން އަންނަނީ ކޮކާކޯލާ އާއި ސަހްޔޫނީންގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމަށް ބެލެވޭ އެހެން ކުންފުނިތަކުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލައި ކެމްޕޭންތަކެއް ކުރިއަށް ގެންދަމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުންފުނީގެ އާމްދަނީ މިހާ ބޮޑަށް ވެއްޓިގެން ދިޔައީ ފަލަސްތީނަށް ތާއީދުކުރާ މުޖުތަމައުތަކުގެ ތެރޭގައި ކުރިއަށްދާ ބޮއިކޮޓް މޫވްމަންޓްތަކާ ގުޅިގެން ކަމަށްވެއެވެ.
ކޮކާކޯލާއިން ސަހްޔޫނީންނަށް ވާގިވެރިވެ އެ ގައުމުން ހިންގަމުންދާ ގަތުލުއާންމަށް ތާއީދުކުރުމަކީ އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މަގުފަހިވި ސަބަބެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
ކޮކާ ކޯލާގެ އުފެއްދުންތަކުގެ ބަދަލުގައި ސަހްޔޫނީންނަށް ވާގިވެރިނުވާ އުފެއްދުންތައް ބޭނުންކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންވެސް އަންނަނީ ގޮވާލަމުންނެވެ. އަދި މި ކުންފުނީގެ އުފެއްދުންތައް ރާއްޖޭއަށް އެތެރެ ނުކުރުމަށްވެސް ދިވެހިން އަންނަނީ ގޮވާލަމުންނެވެ.
މުސްލިމުންނަކީ އެއް އުއްމަތެއް ކަމަށާއި އެއްބައިވަންތަކަމާއެކު ތިބޭއިރު އެއްވެސް ބާރަކަށް މުސްލިމުން ބައިބައިނުކުރެވޭނެ ކަމަށް ސަހްޔޫނީންނާއި ދެކޮޅަށް ހިންގަމުންދާ މިފަދަ މޫވްމަންޓްތަކުގައި މުސްލިމުން ބުނަމުންދެއެވެ.
މުސްލިމުންގެ އެއްބައިވަންތަކަމުގެ ހަރުދަނާކަން ނުބައްދަލު، ކޮކާކޯލާ ފަދަ އަނިޔާވެރިކަމަށް ތާއީދުކުރާ ކުންފުނިތަކުގެ ސަބަބުން މުސްލިމުން ފަހަތަށް ނުޖެހޭނެކަން ދަސްކުރަންޖެހޭ ކަމާއި މުސްލިމުންނަކީ ހުއްޓުމެއް ނެތް ބަޔެއްކަމުގައި މި ފަރާތްތަކުން ސިފަކުރެއެވެ. މުސްލިމުންގެ އެއްބައިވަންތަކަމަކީ، މުސްލިމުންގެ ބާރެވެ.