March 12, 2026
Advertisement
ގާޒާގެ މެދުތެރޭ ސަރަހައްދުކަމުގައިވާ ދާރުލް ބަލަހުގައި ހުންނަ އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލު ކުރިމަތީގައި ހަށިތައް ވަޅުލުމުގެ ކުރިން ކަށުނަމާދު ކުރަނީ
ގާޒާގެ މެދުތެރޭ ސަރަހައްދުކަމުގައިވާ ދާރުލް ބަލަހުގައި ހުންނަ އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލު ކުރިމަތީގައި ހަށިތައް ވަޅުލުމުގެ ކުރިން ކަށުނަމާދު ކުރަނީ / އެރަބް ނިއުސް

ގާޒާގައި ސަހްޔޫނީން ގެންދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އެމްނެސްޓީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 6, 2024, 04:14 PM
މާލެ ސިޓީ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ސަހްޔޫނީންގެ ހަނގުރާމަވެރި އަމަލުތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓެއްގައި ސަހްޔޫނީން ގާޒާގައި ހިންގަމުންދާ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ އަމަލުތަކެއް ކަމަށް ވަރަށް ސާފު ބަހުރުވައިން ބުނެފި އެވެ.

Advertisement

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަމަލާތަކާ ގުޅޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓްގައި ސީރިއަސް އެތައް ކަމެއް ފާހަގަކޮށްފައި ވާއިރު މިއީ ސަހްޔޫނީންގެ އަމަލުތަކާ މެދު ދުނިޔެ ހޭލަންވީ ވަގުތު ކަމަށް ވެސް ބުނެފައިވެ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ، ދެކުނު އެފްރިކާއިން ވަނީ އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)އަށް ވެސް ހުށަހަޅާފަ އެވެ. އެމްނެސްޓީން ބުނީ އެ ޖަމިއްޔާގެ ހޯދުންތައް ބިނާވެފައި ވަނީ ސަހްހޫނީންގެ ސަރުކާރާއި އަސްކަރީ އޮފިޝަލުންގެ އިންސާނިއްޔަތާ ހިލާފު ވާހަކަތަކާއި ހަމަލާތަކުގައި ދީފައިވާ ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކާއި އެ ތަންތަނަށް ގޮސް ބަލައި އެއްކުރި މައުލޫމާތު އަދި ޣައްޒާގެ އާންމުންގެ ބަޔާންތަކުގެ މައްޗަށް ކަމަށެވެ.

ގާޒާގައި މި ވަގުތު ރައްކާތެރި އެންމެ އިންޗިއެއްހާ ތަން ވެސް ނެތް، ގަތުލުއާންމެއް އެ ދަނީ ހިންގަމުން. އެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް، ފާއިތުވި ހަ މަސް ދުވަހު އަޅުގަނޑުމެން ހަދާފައިވާ ފުރިހަމަ ދިރާސާއިން ގަތުލުއާންމެއް ހިންގަމުންދާ ކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވޭ،

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވެރިޔާ އަންޔެސް ކެލަމާ ވިދާޅުވި އެވެ.

ސަހްޔޫނީންގެ އުދުވާނުގައި ގާޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ވަނީ ނެތިކޮށްލާފަ އެވެ. އާންމުންގެ ގެދޮރާއި، ހަސްފަތާލުތަކާއި މިސްކިތްތަކުގެ އިތުރުން މަދަރުސާތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފަ އެވެ. އަދި، ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ވެސް ސަހްޔޫނީން ދަނީ ހުރަސް އަޅަމުންނެވެ. އެއީ ވެސް ހަނގުރާމައިގެ ކުށެކެވެ.

އެތައް ހާސް ބައެއްގެ މަރާއި ޖިސްމާނީ އަދި ނަފްސާނީ ބިރުވެރިކަމާއި ރަނގަޅު ކާނާ ނުލިބި ހައި ހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައި އުޅެން މަޖުބޫރުކޮށްފައި އޮތް އޮތުމަކީ "މަޑުމަޑުން މަރުވެ ދާން" ދޫކޮށްލައިގެން ތިބުން ކަމަށް އެމްނެސްޓީން ސިފަކޮށްފައިވެ އެވެ.

ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކަށް، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް މުއާހަދާއިން ލާޒިމްކޮށްފައިވާ ކަންކަމާ ހިލާފުވާތީ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުގައި ބެލޭނެ ފުރުސަތު އެބަ އޮތް،

ރިޕޯޓާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެލަމާޑް ވިދާޅުވި އެވެ.

ގާޒާ އުދުވާނަކީ މުސްލިމުންގެ ނަސްލު ނައްތާލަން ހިންގަމުންދާ ގަތުލުއާންމެއްގެ ގޮތުގައި އެމްނެސްޓީން ސިފަކުރި މިއީ ފުރަތަމަ ފަހަރެވެ. ވަކި ގައުމެއްގެ، ނަސްލެއްގެ، ނުވަތަ ދީނެއްގެ ބަޔެއްގެ ނަސްލު ނައްތާލަން ހިންގާ ކޮންމެ އަމަލަކީ ގަތުލުއާންމެއްގެ ގޮތުގައި 1981ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނުން ވަނީ ކަނޑައަޅާފަ އެވެ. އެ މުއާހަދާއާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިއަކީ، އަދި މަދަދުގާރަކީ ޖައްބާރު އެމެރިކާއެވެ.

ގާޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު ބައި ލައްކައާ ގާތްކުރާއިރު 105638 މީހަކު މި ހަމަލާތަކުގައި ޒަހަމް ވެފައިވާ ކަމަށެވެ.

ހަމަލާ ދެނީ ހަނގުރާމަވެރިންނަށް ކަމަށް ސަހްޔޫނީން ބުންޏަސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އާއި އދ. އިން ވެސް ބުނަނީ ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved