އެމްޑީޕީގެ މަސައްކަތަކީ އަޑު ނީވޭ ސަރުކާރަކަށް އަޑު އިއްވުން ކަމަށް އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެެވެ.
މިއަދު ވެރިކަމުގައި ތިބީ ގާނޫނުއަސާސީ ގެނިޔަ ނުދިނުމަށް މަސައްކަތްކޮށް ދިވެހި ރައްޔިތުންނާއި މެދު އަނިޔާވެރިކޮށް އަމަލުކުރި ބޭފުޅުން ކަމަށާއި އެކި ޖަލްސާތަކާއި ފޯރަމުތަކުން ސަރުކާރަށް އަޑުއިއްވަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ގާނޫނުއަސާސީ ދިފާއުކުރުމަށް އެމްޑީޕީން ނުކުންނަ ސަބަބާއި މެދު ބައެއް ބޭފުޅުން ސުވާލު އުފައްދާކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެއީ ކުރެވޭ ސުވާލެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުން އެ ސުވާލު ނުކުރާނެ ކަމަށް ގަބޫލުކުރައްވާ ސަބަބަކީ ރާއްޖޭގެ ގާނޫނުއަސާސީ ހޯދީ އެމްޑީޕީންކަން އާއްމުންނަށް ވަރަށް ސާފުކޮށް އެނގެން އޮތުމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެހެންކަމުން ގާނޫނު އަސާސީ ދަމަހައްޓާ ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެކަން ދިވެހިންނަށް އެނގޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ އަޑު ސަރުކާރުން ނޭހި، އަޅުގަނޑު އެންމެހައި ދިވެހިރައްޔިތުންގެ އަރިހުން އެދެން، އަޅުގަނޑުމެން 10 ޑިސެމްބަރުގައި ކާނިވާ ސަރަހައްދުގައި މި ބާއްވާ ޖަލްސާއަށް ވަޑައިގެންދެއްވާށޭ، އަޅުގަނޑުމެންގެ މަސައްކަތަކީ އަޑު ނުއިވޭ ސަރުކާރަކަށް އަޑު އިއްވުން،
ގާނޫނުއަސާސީ ހޯދީ ކުޑަ މަސައްކަތަކުން ނޫން ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން އެތައް ދިވެހިންތަކެއް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެ ގާނޫނުއަސާސީ ހާސިލްކުރެވުނީ އެތައް ބައެއްގެ ފުރާނަ ވެސް ގެއްލުނު ފަހުން ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފަ އެވެ.
އެމްޑީޕީ އަކީ މީހުން ވެރިކަމުން ބާލާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ މީހުން ހަމަ މަގަށް އަޅުވާ ބައެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެކަން ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ފައްޔާޒު ވަނީ އަރުވާފަ އެވެ.
އިންސާފުވެރިކޮށް ހިނގަމުން ދިޔަ ގައުމެއް މޮޔައެއްގެ އަތް މައްޗަށް ދޫކޮށްލެވުނީ. މިއަދު މިތިބީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމަ ތަހައްމަލްކުރަން ޖެހެނެ ހިތާމަވެރި ހިސާބަށް އާދެވިފަ. އަދި އޭގެ އިތުރުން އަޅުގަނޑުމެންނަށް މި ފެންނަނީ އާދައިގެ ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ވިސްނުމެއް ނެތި ކަންކަން ކުރަމުންދާތަން. ދައުލަތަށް ސިޔާސީ މަގާމުތަކުގާ މީހުން ބައިތިއްބާ ވެރިކަން ވަރުގަދަކުރުމަށް އާއްމު މީހާގެ ޖީބަށް އަތް ބާނާ ހުސްކޮށްލާތަން ފެންނަނީ.
މިއަދު މި މަސައްކަތް ނުކޮށްފިނަމަ ދެން ކުރިމަތިލާން ޖެހޭނީ އެތަކެއް އަހަރުގެ އަނިޔާވެރިކަމާއި ކަމަށާއި އެގޮތުން ހޯދާފައިވާ ކާމިޔާބީތައް މަޑުމަޑުން ފުރޮޅާލައި ހުދުމުހުތާރު ވެރިކަމެއް މުޅި ރާއްޖޭގައި ގާއިމުކުރާނެތަން ސިފަކުރެވޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ހައްގުތައް ނިގުޅައިގަންނަން ފެށުމުން ކެތްކޮށްގެން ނުތިބެވޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. މިއަދު އެކަމާއި ދެކޮޅަށް އަޑު ނުއުފުލައިފި ނަމަ އަނގައިންވެސް ނުބުނެވޭ ހިސާބަށް ކަންކަން ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފެށިގެން މިދަނީ ސިލްސިލާ ހަރަކާތްތަކެއް ކަމަށް ވިދާޅުވެ، އެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެއްވުމަށް ފައްޔާޒް ގޮވައިލެއްވި އެވެ.