ނަމާދަކީ ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ނަމާދަށް އަހުލުވެރިވުމާއި ގުޅޭގޮތުގެ މައްޗަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވެއެވެ. މިގޮތުން އަޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައި ކަމަށްވާއިރު ނަމާދަށް ފަރުވާތެރިވުމަށް ޚުތުބާގައި ވަނީ ގޮވާާލާފައެވެ.
ދިވެހީންގެ ތެރެއިން ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔެކެވެ. އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ވަޒީފާގައި އުޅޭ ދިވެހިން ވެސް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. މި ގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާ އިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާއި ސުވާލުކުރާން ޖެހޭކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި އޮފީހުން ލިބޭ ހުސްވަގުތު، ބައްޕައެއް ނުވަތަ މަންމައެއްގެ ހައިސިއްޔަތުން ކުރާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށާއި އެ ވަގުތަކީ މެންދުރުގެ ކެއުމާއި ދަރީންގެ ސްކޫލުގެ ކަންތައްތަކާއި މެންދުރު ނަމާދުކުރުން ފަދަ، ކަންކަންކުރުމަށް ލިބޭ ވަގުތުކޮޅަކަށްވާއިރު މި ކަންތައްތަކުގެ ތެރެއިން މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
(إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ.)[1] މާނައީ: "ހަމަކަށަވަރުން، ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާ ނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވެއްޖެއެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ."
ނަމަވެސް މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ ތަން ފެންނަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެއެވެ. އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫންކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެކެވެ. ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން، ނަމާދުތައް އޭގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައި ވީހިނދު، ހިތާމައަކީ އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ ޢަދަދު މަދުވުމެވެ. ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާ ނަމަ އެއީ އަހަރެމެން އެ ކަމާ ބިރުގަންނާން ޖެހޭނެ ކަމެއް ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.
ނަމާދަކީ އަހަރެމެން އެންމެންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ އަޅުކަމަކަށް ވީ ހިނދު، ހުކުރުގެ ޖަމާޢަތަށް ސަމާލުކަން ދޭ ފަދައިން ފަރުޟުފަސް ނަމާދަށް ވެސް ސަމާލުކަން ދިނުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.