ކޮންމެހެން ދާން ޖެހިގެން ނޫނީ ރާއްޖެއަށް ދަތުރުނުކުރަން އިޒްރޭލުގެ ރައްޔިތުންނަށް އަންގައިފިއެވެ.
ޒަރޫރީ ބޭނުމެއް އޮވެގެން ނޫނީ ރާއްޖެއަށް ނުދިއުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ރެވަލް އެލާޓުގެ ގިންތި މަތިކުރަން އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމިނިންމުގައެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ރިސްކު ދޭކުން ތިނަކަށް މަތިކޮށްފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އެފަދައިން ނިންމީ ރާއްޖޭގައި ޓެރަރިޒަމަށް ސަޕޯޓުކުރާ މީހުން ގިނަވުމާއި އަދި އަދި ޔަހޫދީންނާއި ދެކޮޅުވުން ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާތީ ކަމަށް ބުނެއެވެ.
ސެކިއުރިޓީ އެސެސްމެންޓު އަދާހަމަކޮށް ރާއްޖެ ހިމެނޭހެން ތިން ގައުމަކާމެދު ނެރެފައިވާ އެލާޓަށް އިސްރާއީލު ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބަދަލުގެނެސްފައިވެ އެވެ. އެގޮތުން ބްރެޒިލަށް ދަތުރުކުރުމާމެދު ނެރެފައި އޮތް އެލާޓުގެ ގިންތި ދަށްކުރިއިރު ރާއްޖެއާއި އަރްމޭނިއާއަށް ދަތުރުކުރުމާމެދު ނެރެފައިވާ އެލާޓުގެ ގިންތި މަތިކޮށްފައިވެއެވެ.
ދެވަނަ ގިންތީގެ އެލާޓުގެ މާނައަކީ އެ ގައުމަށް ދަތުރުކުރުމުގެ ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަަން އިލްތިމާސްކުރުމެވެ. މުޅިން އެ ގައުމަށް ދަތުރުކުރުން ހުއްޓައިލަން އިންޒާރުކުރުމެއް ނޫނެވެ.
ރާއްޖެ ދަތުރު ނުކުރަމަށް އިޒްރޭލުގެ ރައްޔިތުންނަށް އެންގިއިރު އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުުރުމަށް ދިވެހިން ދަނި ސަރުކާރަށް އެތައް ޕްރެޝަރެއް ކުރަމުންނެވެ. ސަބަބަކީ ނިރުބަވެރި އިޒްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހަމަލާ ދެމުންދާތީއެވެ. ނަމަވެސް ދިވެހި ސަރުކާރަށް އަދިވެސް އެކަން ކުރަން ނުކުރި ދަނީ އެކި ކަހަލަ ބަހަނާ ދައްކަމުންނެވެ.